ޚަބަރު

ދަތުރުވެރިންގެ މާރުކޭޓުގެ ވިޔަފާރި ދަށްވެ ވިޔަފާރިވެރިން ކަންބޮޑުވެފައި


އަގުހެޔޮކޮށް ދިވެހި އުފެއްދުންތައް ހޯދުމަށް މާލޭގެ ރައްޔިތުން އެންމެ ބޮޑަށް ބަރޯސާ ވަނީ މާލޭ ދަތުރުވެރިންގެ މާރުކޭޓަށެވެ. ރަށްރަށުގައި އުފައްދާ ތަކެތި ގަނެ، އަގުހެޔޮކޮށް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެނީ ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރިކުރާ ވިޔަފާރިވެރިންނެވެ.

މާރުކޭޓް މަރާމާތުކުރުމަށާއި އައުސޫލުތަކެއްގެ ދަށުން ހިންގުމަށް އެތަން ބަންދުކުރީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. 7 މަހަށްވުރެ ގިނަދުވަހު މާރުކޭޓް ބަންދުކޮށްފައި އޮތުމަށްފަހު ވިޔަފާރި ފަށާފައި ވަނީ މިމަހުގެ 1ވަނަ ދުވަހުއެވެ. ގޮޅިތައް ދޫކޮށް ވިޔަފާރިއަށް ހުޅުވާލިނަމަވެސް، މިއަދާއި ހަމައަށްވެސް ޚިދުމަތް ފަށާފައިވަނީ މަދު ގޮޅިތަކެއްގައެވެ.

ގޮޅިތަށް މިހާރު ހަދާފައިވަނީ 3 ފޫޓް ފުޅާ 4 ފޫޓް ދިގު ގޮޅިތަކެއްގެ ގޮތުގައެވެ. ގޮޅިތަކުގެ 3 ފަރާތް މުޅިން ބަންދުކޮށްފައި ވާއިރު، އާއްމުންނަށް ކާބޯތަކެތި ފެންނަގޮތަށް މިހާރު ބެހެއްޓެނީ ގޮޅީގެ އެންމެ ފަޅިއަކުންނެވެ. ޚިދުމަތް އަލުން ފެށިނަމަވެސް، ގޮޅިތަކުގެ ވިޔަފާރިވެރިން މިފަހަރު ތިބީ ހިތްހަމަޖެހިފައެއް ނޫނެވެ. ސިޓީ ކައުންސިލުން ގޮޅިތައް ޒަމާނާއި އެއްގޮތަށް މަރާމާތުކޮށް ދޫކޮށްފައި ވަނީ ކުރިން ގޮޅިތައް ދޫކޮށްފައިވާ އަގަށް ވުރެ ބޮޑުކޮށެވެ.

"3 ފޫޓު 4 ފޫޓު ގޮޅި މިހުރީ، މިހާރު މީހުންނަ ފެންނަހެން ކާތަކެތި ޑިސްޕްލޭ ކުރަން ވަރަށް ދަތި. 3150އަށް ގޮޅި ދެނީ، އަދި ގޮޅީގެ 5ފޫޓަށްވުރެ މަތީގައި ތަކެތި ބަހައްޓައިފިއްޔާ އިތުރު 1000ދޭންޖެހޭ." ޕީއެސްއެމްއާއި ވާހަކަދައްކަމުން ގޮޅީގައި މަސައްކަތް ކުރާ ވިޔަފާރިވެރިއަކު ބުންޏެވެ.

ކުރިން ގިނަ ދޮރުތަކުން މާރުކޭޓަށް ވަދެވޭގޮތް ހަދާފައި ވީނަމަވެސް، މިހާރު ދޮރުތައް މަދުވުމާއި، އަދި ހުޅުވާފައި ހުންނަ ދޮރުތަށް މަދުވުމުގެ ސަބަބުންވެސް މީހުން މާރުކޭޓަށް ވަންނަ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާކަން ވިޔަފާރިވެރިން ފާހަގަ ކުރިއެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި ވަނީ ރަށުތެރޭގައި ހަދާފައިވާ މާރުކޭޓުތަކެވެ. ވިޔަފާރިވެރިން ބުނެފައި ވަނީ ރަށުތެރޭ މާރުކޭޓްތަކުގެ ސަބަބުން، ދަތުރުވެރިންގެ މާރުކޭޓްގެ މުޅި ވިޔަފާރި ގެއްލިފައި ވާކަމަށެވެ. އަދި މިހާރު ވިޔަފާރިކުރުމަށް އަންނަނީ ވަރަށް މަދުބައެއްކަމަށް އެމީހުން ފާހަގަކުރިއެވެ.

"މީހުން ދިރިއުޅެން ދީފައި ހުރި ތަންތަނުގައިވެސް މިހާރު މާރުކޭޓް ހަދައިގެން އެބަ ތަކެތި ވިއްކާ. މިހާރު ކޮންމެ ހިސާބެއްގައި މާރުކޭޓް އެބަހުރި، ގޭގެއިން މިހާރު ވިޔަފާރިކުރަނީ އެތަންތަނުން. މީހުން ބުނަނީ މިހާރު ގޭ ކައިރިންވެސް ތި އަގުގައި ތަކެތި ލިބޭތީ އަންނަން ބޭނުން ނުވެޔޭ." މާރުކޭޓުން ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ..

މިކަމުގެ ސަބަބުން މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކަށް ލިބޭ އާމުދަނީ ވަރަށް ބޮޑަށްވަނީ ދަށްވެފައެވެ. ވިޔަފާރިވެރިން ބުނެފައި ވަނީ ރަށްރަށުން ގެންނަ ތަކެތި މިހާރު ގަންނަ މިންވަރު މަދުކޮށްފައިވާކަމަށާއި، މިގޮތަށް ކަންތައް ކުރަނީ ގިނައިން ނަގައިފިނަމަ ނުވިކި އުކާލަންޖެހޭތީކަމަށެވެ.

"ހެނދުނު 8ން ހަވީރު 6ށް މިހާރު ހުޅުވެނީ. އާއްމުކޮށް މީހުން އަންނަ ގަޑި ހަވީރުކޮޅަކީ، އެކަމަކު އެގަޑިއަށް ބަންދުކުރަންޖެހޭ. ކުރިން 2ހަފްތާއިން 60 ބަސްތާ ކާށި ވިއްކަން، މިހާރު 10 ބަސްތާވެސް ނުވިކޭ." ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ.

މާރުކޭޓް އަލުން ހުޅުވަން ކުރިން ނިންމާފައި އޮތީ 117ގޮޅި އާއިއެކު ނަމަވެސް، ގިނަ ބަޔަކު ގޮޅިއަށް އެދެމުންދާތީ 165ށް އިތުރުކޮށް ގޮޅިވަނީ ދޫކޮށްފައެވެ. އަދި އައު އުސޫލުގައި ގޮޅިތަކުގައި ބިދޭސީން ތިބުންވެސް ވަނީ މަނާކޮށްފައެވެ.