ޚަބަރު

ކޯވިޑް-19 : އައިޖީއެމްއެޗުގައި 50000 ވުރެ ގިނަ ޕީސީއާރް ޓެސްޓް ހަދައިފި


އައިޖީއެމްއެޗްގައި ކޯވިޑް-19 ވައިރަސް ދެނެގަތުމަށް މިހާތަނަށް ފަންސާސް ހާހަށްވުރެ ގިނަ ޕީސީއާރު ޓެސްޓު ހަދާފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ވައިރަސް ހުރިތޯ ހަދާ ޕޮލިމަރައިޒް ޗެއިން ރިއެކްޝަން ޕީސީއާރް ޓެސްޓު ހެދުމަށް ނޭފަތާއި ކަރު ތެރެއިން ސާމްޕަލް ނަގައިގެން އެންމެ ފުރަތަމަ ޓެސްޓުކުރަން ފެށީ އައިޖީއެމްއެޗުގައެވެ. އެގޮތުން ރާއްޖެއިން ކޯވިޑް-19ގެ ކޭސްއެއް ނުފެންނަނީސް ފެބްރުއަރީ މަހު މިޓެސްޓު ހެދޭނެ އިންތިޒާމު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ގުޅިގެން ސަރުކާރުންވަނީ އައިޖީއެމްއެޗުގައި ހަމަޖައްސަވާފައެވެ.

ކޯވިޑް-19 މާޗްމަހުގެ ތެރޭގައި ރާއްޖެއިން ފެނުމަށް ފަހު މިހާތަނަށް ރާއްޖޭގައި ފަސްދޮޅަސް ފަސްހާހަށްވުރެ ގިނަ ޓެސްޓު ހަދާފައިވާއިރު މީގެތެރެއިން 75 އިންސައްތައަށްވުރެ ގިނަ ޓެސްޓު ހަދާފައިވަނީ އައިޖީއެމްއެޗުގެ ލެބޯޓްރީގައެވެ. އެންމެ ފުރަތަމަ އެހޮސްޕިޓަލުގައި ޓެސްޓުކުރަން ފެށިއިރު ޓެސްޓުގެ ނަތީޖާ ލިބުމަށް ގާތްގަނޑަކަށް 10 ގަޑިއިރާއި 12 ގަޑިއިރުގެ ވަގުތެއް ހޭދަވި ނަމަވެސް ދާއިމީ ގޮތެއްގައި ޓެސްޓު ހެދުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަހުން މިހާރު ވަނީ ނަތީޖާ ލިބުން އަވަސްވެފައެވެ. އެގޮތުން މިހާރު ގާތްގަނޑަކަށް 6 ގަޑިއިރުގެ ތެރޭގައި ޓެސްޓުގެ ނަތީޖާ ލިބެއެވެ.

ރާއްޖޭގައި ކޯވިޑް-19 ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން އަންނަނީ ބައްޔަށް ޓެސްޓް ކުރުމުގެ މަސައްކަތް ފުޅާކުރައްވަމުންނެވެ. މިގޮތުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އާއި އެކިއެކި އަމިއްލަ ފަރާތްތަކާއި ގުޅިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޯވިޑް-19އަށް ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. އެގޮތުން މިހާރު އައިޖީއެމްއެޗުގެ އިތުރުން އޭޑީކޭ ހޮސްޕިޓަލާއި ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ އާއި ހދ.ކުޅުދުއްފުށީ ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި ޓެސްޓް ކުރަން ވަނީ ފަށާފައެވެ. މީގެއިތުރުން ނ.މާފަރު އެއަރޕޯޓުގައިވެސް މިހާރު ކޯވިޑް-19އަށް ޓެސްޓް ކުރެވެއެވެ.

މީގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯގެ އެހީގައި ރާއްޖޭގެ އިތުރު 6 ސަރަހައްދެއްގައި ޖީން އެކްސްޕަރޓް ކާޓްރިޖް ބޭނުންކޮށްގެން ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިގޮތުން ށ.އަތޮޅު ހޮސްޕިޓަލާއި، ރ. އުނގޫފަރު ރީޖަނަލް ހޮސްޕިޓަލާއި، ލ.ގަން ރީޖަނަލް ހޮސްޕިޓަލާއި، ބ.އަތޮޅު ހޮސްޕިޓަލާއި، ގއ. އަތޮޅު ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ވަނީ ޓެސްޓް ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.