ޚަބަރު

އިޤްތިޞާދީގޮތުން އަންނަ ބަދަލުތަކުގައި ފުލުހުންގެ ރޯލު މުހިންމު


އިޤްތިޞާދީގޮތުން ރާއްޖެއަށް މި އަންނަ ބޮޑުބަދަލުގެ ތެރޭގައި އެންމެ މުހިންމު އެއް ރޯލެއް އަދާކުރެވޭނެ އެއްބަޔަކީ ފުލުހުންކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.ފުލުހުންގެ 27 ވަނަ ބޭސިކް ޓްރެނިންގް ކޯސް ނިންމުމުގެ ރަސްމިއްޔާތު ޞަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެ މިހާތަނަށް ހޯދިކުރިއެރުމެއްވެސް ލިބިފައިވަނީ ރާއްޖެއަކީ އަމާން ސުލްހަވެރި ޤައުމުއްގެ ގޮތުގައި އޮތުމުންކަމަށެވެ. ދުނިޔޭގެ  ބޮޑެތި ޤައުމުތައްވެސް އިޤްތިޞާދީގޮތުން ކުރިއަރާފައިއޮތީ އެގައުމުތަކުގައި ޤާނޫނު ތަންފީޒުކުރެވިގެންކަމަށާ، އެހެންކަމުގައި އިޤްތިޞާދީ ގޮތުން ރާއްޖެއަށް މި އަންނަ ބޮޑުބަދަލުގައި ފުލުހުންގެ ދައުރު ބޮޑުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ."އިތުރު ފަންސާސް ރިޒޯޓް އަދި އިތުރު އިޤްތިޞާދީ އެހެން ސިނާއަތްތައް އިތުރުވެގެން އަންނައިރު ދާދި ދެންމެއަކު ފާހަގަކުރެއްވި ގޮތަށް ރައްޔިތުންގެ ރައްކާތެރިކަން ނުވަތަ ޤައުމުގެ ހަމަޖެހުން، އަޅުގަނޑުމެން ޓުއަރިޒަމްގައި ބުނާގޮތުންނަމަ ސަނީ ސައިޑް އޮފް ލައިފް މިއިންކޮންމެ އެއްޗެއް މި ކިޔައިދެނީ ދިވެހިރާއްޖެއަކީ ސުލްހަވެރި އަމާން ރީތި، ދުނިޔޭގެ އެހެންގައުމުތަކަށް ލިބިފައިނުވާ އެތައް ޒީނަތްތެރި ސިފައެއް ލިބިފައިވާ  ގައުމެއްކަން" މިނިސްޓަ ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ހުޞައިން ވަހީދު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ ރައްޔިތުންގެ ހިމާޔަތުގައި ތިބޭބަޔެއްގެ ގޮތުގައި ދައްކައިދިނުމަށް އަލަށް ތަމްރީނުވި ފުލުހުންގެ ކިބައިން އެދިވަޑައިގަންނެވިއެވެ." ތިޔައިން ކޮންމެ ފުލުހަކުވެސް ރައްޔިތުންނާ ކުރިމަތިލާންވާނީ ހިނިތުންވުމާއެކު،ރައްޔިތުންނާ މުއާމަލާތްކުރަންވާނީ މަޑުމައިރިތިކަމާ ޤަދަރުވެރިކަމާއެކު،ރައްޔިތުންނަށް ތިޔަފުލުހުން ފެނުމުން ރައްކާތެރިކަން އޮތްކަން ކަށަވަރުކޮށްދޭން ކޮންމެ ފުލުހަކުވެސް މަސައްކަތްކުރަންވާނެ" ކޮމިޝަނަރ ހުޞައިން ވަހީދު ވިދާޅުވިއެވެ.ހަތާވީސްވަނަ ޕޮލިސް ބޭސިކް ޓްރެއިނިންގ ކޯސް ޖުމްލަ ފަންސާސް ފަރާތަކުން ފުރިހަމަކޮށްފައިވާއިރު، މި ކޯހަށްފަހު މިހާރު މުޅި ޕޮލިސް ސާވިސްގައި ބޭސިކް ޓްރެނިންގ ނުނިންމާ އެއްވެސް ފުލުހަކު ނުހުންނާނެކަމަށް ކޮމިޝަނަރ ވިޅާޅުވިއެވެ.  މިރަސްމިއްޔާތުގައި، މި ކޯހުން ވަނަތަކަށް އައި ފަރާތްތަކަށް ހަނދާނީ ފިލައާ އައްޑަނަ ހަވާލުކުރުންވެސް އޮތެވެ.