ޚަބަރު

ކްލައިމެޓް ފޯރަމްގެ "ތީމެޓިކް އެމްބެސެޑަރ"އަކަށް ރައީސް ނަޝީދު


މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުންގާތް 48 ޤައުމު ހިމެނޭގޮތަށް އުފައްދާފައިވާ، ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް)ގެ "ތީމެޓިކް އެމްބެސެޑަރ"ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޢައްޔަންކުރައްވައިފިއެވެ.

ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ މަސައްކަތް ކުރިއަރުވައި، ގުޅުން ވަރުގަދަކުރުމުގެ ގޮތުން، ހަ ދާއިރާއިން އެމްބެސެޑަރުން ކަނޑައެޅުއްވާފައި ވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަރުވާފައިވާ "ތީމެޓިކް އެމްބެސެޑަރ އޮފް ސީވީއެފް ފޯރ ދަ ތީމެޓިކް ޑޮމެއިން އޮފް އެމްބިޝަން" ގެ މަސްއޫލިއްޔަތަކީ އަމިއްލަފުޅު ހައިސިއްޔަތުން ހިލޭސާބަހަށް އަދާކުރައްވާނެ މަސްއޫލިއްޔަތެކެވެ.

އެމަނިކުފާނު މި މަޤާމަށް ޢައްޔަނުކޮށްފައިވަނީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާ ދެކޮޅަށް ކުރައްވާފައިވާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުންނެވެ. އެގޮތުން، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވިއިރު، ކުރެއްވި ބައެއް މަސައްކަތްތައް ފާހަގަކުރައްވާފައިވެއެވެ.

ތީމެޓިކް އެމްބެސެޑަރުގެ މަޤާމަށް ރައީސް، މުޙައްމަދު ނަޝީދު އައްޔަންކުރެއްވިކަން އެންގެވީ ސީވީއެފްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަވާ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޑރ. އޭ.ކޭ ޢަބްދުލްމޯމެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ޤައުމު ބައިވެރިވާ ބައިނަލްއަޤުވާމީ ފޯރަމްއެކެވެ. މި ފޯރަމްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009ވަނަ އަހަރު ދިވެހިރާއްޖޭގައެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ޤައުމުތައް އަހުލުވެރިކޮށް، ތިމާވެށްޓާ ރަޙްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ޤައުމުތަކުން ބޭނުންކުރާ ހަކަތައަކީ %100 އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތްކުރުމެވެ.