ވިޔަފާރި

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައު ޑިރެކްޓަރަކު އައްޔަންކޮށްފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައު ޑިރެކްޓަރަކު އައްޔަންކޮށްފިއެވެ.

އެ ކުންފުނީގެ ބޯޑަށް އަލަށް އައްޔަންކުރައްވާފައިވަނީ ފ.ފީއަލި ރޭވަވިލާ މުޙައްމަދު ފަރީދުއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އޭނާ އެމަގާމަށް އައްޔަންކޮށްފައިވަނީ ނޮން އެގްޒެކްޓިވް ޑިރެކްޓަރެއްގެ ގޮތުގައެވެ.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވަނީ 7 މެންބަރުންނެވެ. އަލަށް އައްޔަންކުރި މުޙައްމަދު ފަރީދުގެ އިތުރުން ޑިރެކްޓަރުންގެ ބޯޑުގައި ދެން ތިއްބަވަނީ ސަރުކާރުގެ ފަރާތުން އައްޔަންކުރައްވާފައިވާ ޗެއަރމަން މުހައްމަދު ފަހީމްއާއި، ސީއީއޯ އާދަމް އާޒިމްއާއި، ސީއޯއޯ ޝާހިދު ހުސައިން މޫސާގެ އިތުރުން ޑިރެކްޓަރ ސިނާން އަލީއެވެ.

އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންނަކީ ފަތުހުﷲ އިސްމާޢީލްއާއި އަހުމަދު އަބޫބަކުރުއެވެ. މިދެބޭފުޅުންވެސް އިންތިހާބްކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިންނެވެ.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން ދާދިފަހުން ވަނީ 2019 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ 5 ރުފިޔާގެ ހިއްސާއަކަށް 2 ރުފިޔާ ބަހާގޮތަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް ނިންމާފައެވެ.

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 53 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 62.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރާއި އަޅާބަލާއިރު 310.54 އިންސައްތައިގެ އިތުރުވުމެކެވެ.