ޚަބަރު

ޖިންސީ އަނިޔާގެ މައްސަލާގައި ކުރީގެ މިނިސްޓަރު ޢަލީ ވަޙީދާ މިހާތަނަށް ސުވާލެއް ނުކުރަން - ފުލުހުން


ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަލީ ވަޙީދާ މިހާތަނަށް ސުވާލުކޮށްފައި ނުވާކަމަށާއި، ނަމަވެސް މިމައްސަލާގައި މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރައްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މަރްޔަމް އަޒްމާ ވިދާޅުވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު އެމިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ އަނިޔާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފައި ވާކަމަށެވެ. އަދި މިމައްސަލާގައި ބައެއް ތަންތަން ބަލައި ފާސްކޮށްފައިވާކަމަށާ، ތަޙްޤީޤުގެ ވަރަށް ކުރީކޮޅުގައި އޮތް މައްސަލައެއްކަމުން އިތުރު މަޢުލޫމާތު ދެވެން ނެތްކަމަށް ވިދާޅުވިއެވެ. އަޒްމާ ވިދާޅުވީ މިމައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލްއާއި މަޝްވަރާކުރައްވަމުން ގެންދަވާކަމަށާ، އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ.

ޢަލީ ވަޙީދުގެ މައްޗަށް ކުރެވޭ ޖިންސީ އަނިޔާގެ ތުހުމަތުގައި އޭނަގެ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.

ފުލުހުން ދަނީ ދަނީ މި މައްސަލަ ތަޙްޤީޤު ކުރައްވަމުންނެވެ. ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި މައްސަލަތަކާގުޅޭ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުތުރުން ޖެންޑަރ މިނިސްޓްރީއަށްވެސް ވަނީ ހުށަހަޅާފައެވެ.