ޚަބަރު

ފްލެޓްތަކުގެ މައުލޫމާތު ހޯދުމަށް ބޭއްވި ކޮމިޓީ ބައްދަލުވުން: ދެ މިނިސްޓަރުންގެ އަރައިރުމަކަށް


ހިޔާ ހައުސިންގް ޔުނިޓްތަކުގެ މައުލޫމާތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި މިހާރުގެ ހައުސިންގް މިނިސްޓަރާއި ކުރީގެ ހައުސިންގް މިނިސްޓަރ ހޫނު ބަހުސެއް ކުރައްވައިިފިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވަނީ، ރައީސް ޔާމީނުގެ ސަރުކާރުން ހިޔާ މަޝްރޫއު ކުރިޔަށް ގެންދިޔަގޮތް ދިފާއުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިހާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ، އެމަޝްރޫގައި ހުރި މައްސަލަތައް ފާހަގަކުރައްވައި އެއީ ރައްޔިތުންނަށް ހައްޤު މިންވަރު ނޫންކަމުގައި ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުން ފެށުމުގެ ގޮތުން ދެއްވި ފުރުސަތުގައި ކުރީގެ ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވަނީ، ހިޔާ ހައުސިންގް ދަށުން ތަރައްޤީކުރާ 7،000 ހައުސިންގް ޔުނިޓްގެ މަސައްކަތް އެންމެ ފުރަތަމަ އެ މިނިސްޓްރީއާއެކު ސޮއިކުރެވުނު ނަމަވެސް އޭގެފަހުން އެ އެގްރީމެޓް އުވާލައި އެމަސައްކަތް ހަވާލު ކުރެވުނު ކުންފުންޏާއި އެޗްޑީސީ އާއި އެކު އައު އެއްބަސްވުމެއް ވެވިފައިވާ ކަމުގައި ވިދާޅުވެފައެވެ. މި ސަބަބަށްޓަކައި ފަހުން އެ މަޝްރޫޢުގެ ބައެއް މަސައްކަތްތަކުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެނގިވަޑައި ނުގަންނަވާކަމުގައި ޑރ. މުޢިއްޒު ވިދާޅުވިއެވެ. މި މަސައްކަތުގެ ބެލެނިވެރި ފަރާތަކަށް އެޗްޑީސީ ހަމަޖެއްސެވީ މި މަޝްރޫޢުއަކީ ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ކުރިއަށްދާ މަޝްރޫއަކަށްވެފައި ހުޅުމާލޭގައި ކުރިއަށްދާ ހުރިހާ މަސައްކަތްތަކަކީ އެޗްޑީސީގެ ދަށުން ހިނގާނެ މަސައްކަތްތަކަކަށްވާތީ ކަމުގައިވެސް ކުރީގެ މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވިއެވެ.

އޭރުގެ ހައުސިންގް މިނިސްޓްރީން ކުރަމުން ދިޔައީ ހިޔާ ހައުސިންގް ޕްރޮޖެކްޓްގެ ދަށުން ފްލެޓްތައް ލިބޭ ފަރާތައްތައް ކަނޑައެޅުމުގެ މަސައްކަތްކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބެލުމަށް ރައީސް އޮފީހުން ހާއްސަ ކޮމިޓީއެއް އުފައްދަވައިގެން މަސައްކަތް ކުރެއްވިކަމަށް ޑރ މުއިއްޒު ހާމަކުރެއްވިއެވެ. އެހެންނަމަވެސް، މި ކޮމިޓީގެ އެއްވެސް މަޢުލޫމާތެއްވެސް އަދި ކޮމިޓީއަށް އެއެވްސް އިރަކުން ހާޒިކޮށްފައިވެސް ނުވާކަމަށް ކުރީގެ ހައުސިންގް މިނިސްޓަރ ވިދާޅުވިއެވެ.

"ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ މަޝްރޫޢުތަކުގެ އަމްބރެލާ މަޝްރޫޢު ހިޔާއަކީ. މި މަޝްރޫޢުއަކީ މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ކުރި މަސައްކަތެއް. ސަރުކާރު ބަދަލުވިއިރުގައި އެކި ވަރުގައި އެކި މަޝްރޫޢޫތައް ހުރީ. ފްލެޓް ލިބޭނެ މީހުންވެސް ކަނޑައަޅާފައި ވަނީ. މި ސަރުކާރުން އައިސް ފިނިޝިންގް ކުރިއަށް ގެންދަން ނުނިންމެވުމަކީ އަޅުގަނޑަށް އެނގޭކަމެއް ނޫން" ކުރީގެ ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުގެ ހައުސިންގް މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ، މިހާތަނަށް އައިރު ހިޔާ ހައުސިންގް މަޝްރޫޢު މިހާރު ގޮސްފައިވާ ހިސާބުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން މިނިސްޓަރ އަސްލަމް ވަނީ ހިޔާ ހައުސިންގް ޔުނިޓްތަކަކީ އަގު ބޮޑުކޮށް ތަރައްޤީކުރެވިފައިވާ ޖާގައިގެ ގޮތުން ކުދި ހައުސިންގް ޔުނިޓްތަކެއް ކަމަށެވެ، އެގޮތުން މި ހައުސިންގް ޔުނިޓްތައް ތަރައްޤީކުރުމަށް 433 މިލިއަން ޑޮލަރަށް ޗައިނާ ސްޓޭޓް ކުންފުންޏާއި ހަވާލުކުރެވުނު ގޮތާއި މެދުވެސް މިނިސްޓަރ އަސްލަމް ސުވާލު އުފެއްދެވިއެވެ. އެގޮތުން މިހާރު އޮތް ގޮތުން ހިޔާ ހައުސިންގް ފްލެޓްތަކުގައި މީހުން އާބާދުކުރުމުގެ މަސައްކަތް ފެށޭނީ އެންމެ އަވަހަށްވެސް ކުރިއަށް އޮތް 8 މަސްދުވަހުގެ ތެރޭގައިކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ފްލެޓްތަކުގައި ފިނިޝިންގ ނުނިންމައިވެސް އަގަކަށް ކަނޑައެޅޭނީ 6 އިންސައްތައިގެ އިންޓްރެސްޓް ހިމަނައި 20 އަހަރަށް ބަހާލައިގެން މަހަކަށް 6849 ރުފިޔާކަމަށެވެ. މިނިސްޓަރ އަސްލަމް ވަނީ، މިހާރު އެ މިނިސްޓްރީއިން މި ފްލެޓްތަކަށް ކުރިމަތިލީ ފަރާތްތައް އެވެލުއޭޓްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި ފަހަރުގެ ލިސްޓް ކުރީގެ ލިސްޓާއި ތަފާތު ވުމަކީ އެކަށީގެންވާކަމެއްކަކަންވެސް ފާހަގަކުރައްވާފައެވެ.

"62،00 ޑޮލަރު ޔުނިޓަކަށް ދޭން ނިންމާފައިވަނީ. މިތަނަކީ ފިނިޝިންވެސް ނުނިންމާ ހުރި ތަނެއް. 1400 ރުފިޔާއަށްވުރެ ބޮޑު އަކަފޫޓަކަށް އަގު މިތާގައި. އެންމެ ލަގްޒރީކޮށްވެސް 1500 އަށް އަކަފޫޓް ނިންމޭނެ. މިކަމުންވެސް ބޮޑު ރޭޓެއްގައި ފްލެޓް އަޅާފައިވާކަން މިހާމަވަނީ. ފްލެޓްތަކުގައި ފިނިޝިން ނުނިންމާވެސް އަގަކަށް ކަނޑައެޅޭނީ 6 އިންސައްތައިގެ އިންޓްރެސްޓަކާއެކު 20 އަހަރަށް ބަހާލައިގެން މަހަކަށް 6849 ރުފިޔާ. އަދި ހުރިހާކަމެއް ހިމަނައިފިނަމަ އަގު 10 ހާހަށްވުރެ އަގު މައްޗައް ދާނެ" ހައުސިންގް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ފްލެޓްތަކުގެ އަގާއި ގުޅިގެން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ކުރީގެ ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ މިހާރުގެ ހައުސިންގް މިނިސްޓަރ ހިޔާ ފްލެޓްގެ އަގުކަމަށް ދެންނެވި އަގަކީ އިތުރުފުޅެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ބައްދަލުވުން ފެއްޓެވުމުގެ ކުރިން ތަފްސީލް ނުދެއްވި ޚަރަދުގެ ގިނަ ތަފްސީލީ އަގުތަކެއް ޑރ. މުއިއްޒު ހާމަކުރެއްވިއެވެ. އެގޮތުން ޑރ. މުއިއްޒު ވަނީ މި ފްލެޓްތަކުގެ ފިނިޝިން ނިންމަން އެގްރިމެންޓް ކުރެވިފައިވާކަމަށާއި، މި މަސައްކަތް ކުރުމާއިއެކުވެސް ފްލެޓްގެ އަގު 5700 ރުފިޔާގައި ހުންނާނެކަމަށް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވަނީ މި މަސައްކަތުގައި ކުރީ ސަރުކާރުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައްވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ތިއްބެވުމާއި އެކު އެފަރާތްތަކުގެ ކިބައިންވެސް ކަން ހިނގިގިޮތުގެ ތަފްސީލު އޮޅުން ފިލުއްވުމަށް އެދިވަޑައިގެންފައެވެ.

" މިތަން ޗައިނާ ކުންފުންޏާއި ހަވާލުކުރީ 434 މިލިއަން ޑޮލަރަށް. އިންޓަރެސްޓް 40.8 މިލިއަން ޑޮލަރު ފިނިޝިން 41.5 މިލިއަން ޑޮލަރު މުޅިއެކު 564 މިލިއަން ޑޮލަރު އެއްކޮށް އިންޓްރެސްޓް ލާފައިވެސް ހޭދަވަނީ. އެހެންކަމުން ކަލްކިއުލޭޓްކުރުމުން އަގު ހުރީ 5700 ރުފިޔާއަށް" ކުރީގެ ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވަނީ މި ކޮމިޓީ ބައްދަލުވުމުގައި އިންނެވި މިނިސްޓަރ އޮފް އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު މުޙައްމަދު ޢާޒިމްއަށް ހިޔާ ހައުސިންގްގެ މަޢުލޫމާތު އިނގިލައްވާނެކަމަށް ވިދާޅުވެފައެވެ. އެއާއެކު ޑެޕިއުޓީ މިނިސްޓަ އާޒިމް ވަނީ މިހާރުގެ ހައުސިންގް މިނިސްޓަރ އަސްލަމް ދެންނެވި އަގަކީ ފްލެޓްތައް ދެވެންހުރި އަގުކަމަށެވެ،

"މިތަނަކީ މީ ސިންގަޕޫރު ކޮންސެޕްޓަށް ހަދަން އުޅުނު ތަނެއް. އެކަމަކު މިތާނުގައި އެވަރުގެ ޖާގައެއް ނެތް. ޑީޓެއިލް ބީއޯކިއުއެއްވެސް ނެތް. އަޅުގނޑުމެން ރިސްކާއި، ފިނިޝިން ފަދަ ކަންކަމަށް އެބަ ބަލަންޖެހޭ. ރަނުން ރަނަށް ހަދައިފިނަމަ 6800 ރުފިޔާ. މިދެންނެވި ކަންތައް ހިމަނައިފިނަމަ މި އަގު 10208 ރުފިޔާއަށް އަރާނެ" ހައުސިންގް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ބައްދަލުވުން ނިންމަވާލެއްވުމަށް ދެ ވަޒީރުންނަށް ދެއްވި ފުރުޞަތުގައި ކުރީގެ މިނިސްޓަރ ޑރ މުއިއްޒުވަނީ ފުލެޓްތަކުގެ މަސައްކަތް އަވަހަށް ނިންމައި ހަވާލު ކުރެއްވުމަށާއި، ހައުސިންގ މައްސަލައަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ނިންމާލަމުން މިނިސްޓަރ އަސްލަމްވެސް ވިދާޅުވީ ހައުސިން މައްސަލައަކީ އެންމެ ބޮޑު މައްސަލަކަމަށް ވީނަމަވެސް ކުރީގެ ސަރުކާރުން އިސްކަން ދީފައި ވަނީ ވަކިބަޔަކަށް ކަމަށެވެ. އަދި މިސަރުކާރުން މިހާރު ދަނީ މެދުފަންތީގެ އާއްމުދަނީ ލިބޭ ފަރާތްތައް ހައުސިންގ މަޝްރޫއެއް ފަށާފައި ކަމުގައިވެސް މިިނިސްޓަރ ވިދާޅުވިއެވެ.