ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ބާއްވާ ބައިލޭޓަރަލް ކޯޑިނޭޝަން މެކޭނިޒަމްގެ މަޝްވަރާތައް މާދަމާ އޮންނާނެއެވެ.
މި ބައްދަލުވުމަކީ ޑިރެކްޓަރ ޖެނެރަލް ފެންވަރުގައި ބާއްވާ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ފުރަތަމަ މަޝްވަރާ ކުރުމަށް ހަމަޖހިފައިވަނީ ބޯޑަރު ހުޅުވާލުމާއި، ފަތުރުވެރިކަމާ ބެހޭގޮތުންނެވެ. އެގޮތުން ދެޤައުމުގެ މެދުގައި މިދާއިރާތަކާ ގުޅޭ ގިނަ މަޝްވަރާތަކާއި، ކޮވިޑް-19 އިން ރައްކާތެރިވުމުގެ އިތުރުން އިޤްތިޞާދު އަލުން ކޮޅަށް ޖެހުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
މި މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިޔާންއެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީއިންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޗައިނާގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޗައިނާ ފޮރިން މިނިސްޓްރީގެ އޭޝިއަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޔާއޯ ވެން އެވެ. ވެން ގެ އަރިހުގައި ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނާއި، ޗައިނީޒް ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނާއި، މިނިސްޓްރީ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް އަދި ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބައިވެރިވާނެއެވެ.
މި ބައްދަލުވުން ބޭއްވުމަށް ނިންމެވުމާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެއްވި މެސެޖްގައި ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމާއި މުޅި ދުނިޔެއިން ކުރިމަތިލާފައިވާ މިދަނޑިވަޅުގައި މިމަޝްވަރާތައް ބޭއްވުމަށް ޗައިނާ ސަރުކާރުން އިސްނެންގެވިކަމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން މަރުޙަބާ ވިދާޅުވެފައެވެ.
މިނިސްޓަރ ޝާހިދު ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުމާއި ދެޤައުމުގެ ދެމެދުގައި އޮންނަ ގާތްކަން ބިނާވެފައިވާ އަސާސްތަކަކީ ދިވެހިރާއްޖެއިން ޤަބޫލުކުރާ "ވަން-ޗައިނާ" ސިޔާސަތާއި، އެއް ޤައުމު އަނެއް ޤައުމުގެ ސިޔާދަތަށް ކުރާ އިހްތިރާމްކަން ފާހަގަކުރައްވާފައެވެ. އަދި ޗައިނާއަކީ މިހާރުވެސް ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަމަށާއި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ހަރުދަނާކަންމަތީ، އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.