ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ފުރަތަމަ ފަހަރަށް ޢަރަބި ވެބްސައިޓެއް ލޯންޗުކޮށްފި


އަރަބި ފަތުރުވެރިންނަށް ދެއްވި ޙާއްސަ މެސެޖަކާއެކު ރާއްޖޭގެ ފުރަތަމަ ޢަރަބި ވެބްސައިޓް ލޯންޗްކޮށްފިއެވެ. މި ވެބްސައިޓަކީ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ އިސްވެ ހުންނަވާ ހިންގަވާ ޖަމުއިއްޔާއެއްކަމަށްވާ މާލްދީފް ގުރޫޕުން ލޯންޗްކުރި ވެބްސައިޓެކެވެ.

އަރަބި ފަތުރުވެރިންގެ މެދުގައި ރާއްޖެ ޕްރޮމޯޓުކުރުމަށްޓަކައި މާލްދީފް ގުރޫޕުގެ މި ވެބްސައިޓް ލޯންޗްކުރީ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އަރަބި ފަތުރުވެރިންނަށް ދެއްވި ޙާއްސަ މެސެޖަކުންނެވެ. މި މެސެޖުގައި ޑރ ޝަހީމް ވިދާޅުވީ، މި ވެބްސައިޓްގެ ބޭނުމަކީ ދިވެހިރާއްޖޭގެ ވާހަކަ އަރަބި ދުނިޔެއަށް ފޯރުކޮށްދިނުމަށްކަމަށެވެ. އަދި އަރަބިންނަށް ރައްޖެ ތައާރަފްކޮށް، ރާއްޖޭގެ ތާރީޙާއި މުހިންމު ތަންތަނާއި ރައްތަކާއި ރިސޯޓްތަކުގެ ވާހަކަ އަރަބި ބަހުން ވާހަކަދައްކައިއުޅޭ މީހުންނަށް ބުނެދިނުމަށްކަމަށެވެ.

މީގެއިތުރުން ޑރ.ޝަހީމްގެ މެސެޖުގައި ވަނީ އަރަބިންގެ އެންމެ މަޤްބޫލު މަންޒިލަކަށް ރާއްޖެ ވުމަކީ މަލްދީފް ގުރޫޕްގެ އުންމީދެއްކަމަށް ވިދާޅުވެފައެވެ. ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ މައި ސިނާއަތްކަމަށްވާ ފަތުރުވެރިކަމަށް އަސަރުކޮށްފައިވުމުގެ ސަބަބުން މި ސިނާއަތް އަލުން ކޮޅަށްޖެހުމަށް އަރަބި ފަތުރުވެރިންގެ އެހީތެރިކަން ބޭނުންވާކަން ވަނީ ފާހަގަކުރައްވާފައެވެ.

މާލްދީފް ވެބްސައިޓް ލޯންޗްކުރުމުގެ ގޮތުން ޑރ ޝަހީމް އަރަބިބަހުން ދެއްވި މެސެޖް

"އަޅުގަނޑުމެންގެ އުންމީދަކީ ތިޔަ ބޭފުޅުންގެ އެންމެ މަޤްބޫލް ފަތުރުވެރިކަމުގެ މަންޒިލަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެވުން. އެކުވެރިން އަރަބިންނޭ! ރާއްޖެ ތިބޭފުޅުންނަށް އެބަ ބޭނުންވޭ، ރާއްޖޭގެ އިޤްތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައިއޮތީ ޓޫރިޒަމް ސިނާއަތުގެ މައްޗަށް. ނަމަވެސް ކޮރޯނާގެ ސަބަބުން ޓޫރިޒަމްގެ ސިނާއަތަށް ގެއްލުންވެ ރާއްޖޭގެ އިޤްތިސާދަށް މިވަނީ ވަރަށްބޮޑަށް ގެއްލުންވެފައި." ޑރ. ޝަހީމް ވިދާޅުވިއެވެ.

ދިވެހިރާއްޖެ އަންނަން ބޭނުންވާ އަރަބި ފަތުރުވެރިން އެއްވެސްކަމެއް އޮޅުންފިލުވަން ބޭނުންވާނަމަ މާލްދީފްގެ ވެބްސައިޓް މެދުވެރިކޮށް އެކަމަކަށް ޖަވާބު ދޭނެކަމަށް އެ ގުރޫޕުން ބުނެއެވެ.

މަލްދީފް ގުރޫޕުން ތައާރަފްކުރި އަރަބި ވެބްސައިޓާއިއެކު ރާއްޖޭގެ ވާހަކަ މިހާރު ވަނީ ސަޢޫދީޢަރަބިއްޔާއާއި މިޞްރާއި އަދި ވެސް ގިނަ ޢަރަބި ޤައުމެއްގެ ނޫސްތަކުގެ ހެޑްލައިނަށް އަރާފައެވެ. އެހެންކަމުން މި ވެބްސައިޓާއިއެކު ރާއްޖެއަންނަ އަރަބި ފަތުރުވެރިން އަދަދު އިތުރުވެގެންދާނެއެވެ.