ޚަބަރު

ހއ. ކެލާ: ލޯކަލް ޓުއަރިޒަމްއަށް ފައްކާވެފައިވާ ރަށެއް


ދެހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ތިލަދުންމަތީ އުތުރުބުރީ ކެލާއަކީ އެރަށުގެ މުއްސަނދި ތާރީޚާއި ޤުދުރަތީ ރީތިކަމަށް މަޝްހޫރު ރަށެކެވެ. އެކުވެރި ރައްޔިތެއް ދިރިއުޅޭ މި ރަށުގައި ކެއިންބުއިމަށް މައިގަނޑުގޮތެއްގައި ދަނޑުވެރިކަމާއި، މަސްވެރިކަން އަދި ފަންގިވިނުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި ރަށުގެ އާޝޯޚުކުރުވަނިވި ރީތިކަަމުގެ އެންމެ ފުރިހަމަ ބޭނުން ހިފިފައިވެޔޭ ދެންނެވޭކަށް ނެތެވެ.

މިކަން މިހެން ހިނގާ ދިޔަ ގޮތައް ދިއުމުގެ ކުރިން، ރަށުގެ ބައެއް ފާހަގަކޮށްލެވޭ ތަންތަނާއި ތާރީޚީ ބައެއް ކަންކަމަށް ނަޒަރު ހިންގާލުން މުހިންމެވެ.

ކެލާ ތުނޑި

އެންމެ ފުރަތަަމަ މުޅި ރާއްޖެއަށް މަޝްހޫރު ކެލާ ތުނޑީގެ ވާހަކައިން ފަށާނަމެވެ. ހއ ކެލާގެ ތުނޑި އެރަށު މީހުންގެ މެދުގައި ބޮޑަށް މަޝްހޫރު ވެގެން ގޮސްފައިވަނީ، ހިތް އުފާކޮށްލަން ނުވަތަ ޕިކްނިކް ދާން ގޮސް އުޅޭ ހިތްފަސޭހަ، ގުދުރަތީ ރީތިކަމެއް ލިބިގެންވާ ތަނެއްގެ އިތުރުން، އެއް ޒަމާނެއްގައި އެރަށުގެ މީހުން ސިއްސުވާލި މަންޒަރު ތަކެއް ފެނިގެން ދިޔަ ތާރީޚީ ތަނެއްގެ ގޮތުގައެވެ.

ކެލާ ތުނޑިއޭ ބުނުމުން ރަށުގެ ހަރުފުރައިގެ މީހުން އެންމެ ފުރަތަމައިނުންވެސް ސިފަކުރާނީ އެއީ، ކެލާގައި އިނގިރޭސިން ތިބި ތަނުގެ ގޮތުގައެވެ. ފަހަރުގައި ގިނަ ބަޔަކަށް މިކަމުގެ މަޢުލޫމާތު އެނގިފައި ނެތުމަކީ އެކަށީގެންވާކަމެކެވެ. އެހެންނަމަވެސް، ކާފައިންނާއި މާމައިންގެ ފަރާތުން މިވާހަކަތައް ވަނީ މިރަށުގެ މިއަދުގެ ޖީލާހަމައަށް ވެސް ވާސިލުވެފައެވެ.

ކެލާއަކީ އެރަށަކަށް ނިސްބަތްވާ ރީތި އަދި ބޮޑު ގުދުރަތީ ފަޅެއް ލިބިފައިވާ ރަށެކެވެ. އަދި ދިގުމިނުގައި 3.6 ކިލޯމީޓަރު ހުންނަ މިރަށުގެ ތުނޑިއަކީ ވެސް އެހާމެ ރީތި ތަނަވަސް ތުނޑިއެއް އެކުލެވިގެންވާ ސަރަހައްދެކެވެ. މި ރަށަކީވެސް ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއިން އިނގިރޭސީން ހަނގުރާމަމަތީ މަންޒިލަކަށް ބޭނުންކޮށްފައިވާ ތަނެއްކަމަށް ތާރީޚީ ލިޔުންތަކުން އެނގެން އޮވެއެވެ. 1887 ގައި އިނގިރޭސިންނާއި ރާއްޖެއާ ދެމެދު ވެވުނު މުއާހަދާއަށް ފަހު އިނގިރޭސިން ރާއްޖޭގެ ރައްތަކުގެ ސަރވޭކޮށް އިންޑިއާކަނޑުގައި ދަތުރުކުރާ ދުޝްމަނުންގެ އުޅަނދުތަކަށް ފާރަލާނެ އަދި، އިނގިރޭސި އުޅަނދު ފަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާނެ މަންޒިލަކަށް ރާއްޖޭގެ ބައެއް ސަރަހައްދުތައް ހެދުމަށް އިނގިރޭސިން ވަނީ ބަލަމުން ގެންގޮސްފައެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ބޮޑުހަނގުރާމައިގެ ބިރުވެރިކަން ވެރިވަމުން ދިޔައިރު، އިނގިރޭސިން އައްޑު އަތޮޅުގެ އިތުރުން ކެލައަށްވެސް ފައިބާ އަސްކަރީ ހަރަކާތްތަކެއް ވަނީ ހިނގާފައެވެ. ބައެއް ލިޔުންތަކުގައި ވާގޮތުގައި، 1934 ވަނަ އަހަރުން ފެށިގެން ދެވަނަ ބޮޑު ހަނގުރާމަ ނިމެންދެކަށް ކެލާގެ ތުނޑި ސަރަހައްދު އިނގިރޭސިން "ސްޓޭޖިން ޕޮއިންޓް" އެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔައެވެ. އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ އިނގިރޭސި އުޅަނދު ފަހަރަށް ތެޔޮ އަޅާ ދިނުމާއި، އިނގިރޭސި ރޯޔަލް އެއަރ ފޯސްގެ "ސީ ޕްލޭން" ތައް ކެލާގެ ބަނދަރަށް އެދުވަސްވަރު އައިސް ގޮސް އުޅޭކަމަށް ބުނެވެއެވެ. މިމަންޒަރުތަކަކީ އެދުވަސްވަރު ކެލާގައި އުޅުނު ރައްޔިތުންނަށް ކަންބޮޑުވުމާއި، ބިރުވެރިކަން އިހުސާސް ކުރަން ޖެހުނު ކަންކަމަށް ވެގެން ދިޔަ ނަމަވެސް، އިނގިރޭސިން ތިބި ދުވަސްވަރަކީ އެރަށަށް ފާގަތި ދުވަސްތަކެއްގެ ގޮތުގައި އެބައިމީހުން ސިފަކުރެއެވެ.

ތާރީޚީ ބައެއް ލިޔުންތަކުގައި ކެލާގައި އިނގިރޭސިން 1934 އިން ދެވަނަ ބޮޑު ހަނގުރާމަ ނިމެންދެން ހަރަކާތްތެރިވި ކަމަށް ބުނެފައިވީނަމަވެސް، އެދުވަސް ވަރުގެ ކަންކަން އަދިވެސް ހަނދާން ހުރި ދުވަސްވީ މީހުން ބުނާ ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކެލާ ތުނޑީގައި އިނގިރޭސިން ހޭދަކޮށްފައިވަނީ ދެ އަހަރެއްހާ ދުވަހެވެ. އިނގިރޭސީން ފުރަތަމަ ކެލައަށް އައުމަށްޓަކައި ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި އަލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކެލަޔަށް ވަޑައިގެން އިނގިރޭސީން އެރަށަށް އަންނަ ކަމުގެ ޚަބަރު ދެއްވާފައިވާކަމަށް ކެލާގެ ދުވަސްވީ މީހުން ބުނެއެވެ. ކެލާގައި އިނގިރޭސިން އުޅުނު ތަންތަން ހުރި ނަމަވެސް ގިނަ ތަންތަން މިހާރުވަނީ ވީރާނާވެ ނެތިގެން ގޮސްފައެވެ. މިއީ، ކެލާގެ ތާރީޚް ދައްކުވައިދޭކަމަކަށްވާއިރު، މި ހާދިސާއާއި ގުޅޭ މި ތަންތަން ހިމާޔަތްކުރެވިފައިނެތްކަން ފާހަގަކޮށްލެވެއެވެ.

ކެލާ ކަނޑޫފާ

މިހާ ހިސާބުން ކެލާގެ ޤުދުރަތީ ރީތިކަމުގެ މަންޒިލްތަކުގެ ލިސްޓް ނިމުނީކީ ނޫނެވެ. ކެލާއަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ކަނޑޫފާވެސް އޮތް އެއް ރަށެވެ. ރާއްޖޭގެ ބޮޑެތި ކަނޑޫފާތަކުގެ ތެރޭގައި ހިމެނޭ ކެލާ ކަނޑޫފާއަކީ 22 ހެކްޓަރުގެ ބޮޑު ސަރަޙައްދެކެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދަށްވާއިރު ހއ. ކެލާގެ ކަނޑޫފާވެސް ހިމެނެނީ ބޮޑުތިލަދުންމަތިން ހިމާޔަތްކުރަން ނިންމި 11 ސަރަހައްދުގެ ލިސްޓްގައެވެ.

ހިމާޔަތް ކޮށްފައިވާ އިތުރު ތަންތަން

މީގެ އިތުރުންވެސް ހއ. ކެލާގައި ޤުދުރަތީ ރީތިކަން ދައްކުވައިދޭ އިތުރު 4 ސަރަޙައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. ހއ. ކެލާ ކައުންސިލުން ހިމާޔަށް ކުރުމަށް ނިންމާފައިވަނީ އެރަށު ހުކުރު މިސްކިތް ކަނޑިންމަ، ގައުމުލި އަދި އެރަށުފަޅު ހިމެނޭ ސަރަޙައްދެވެ. ކެލާ ކަނޑިންމަ ސަރަޙައްދަކީ ކޮންމެ އަހަރަކު ޑިސެމްބަރު މަހުން ފެށިގެން މާރޗް މަހާ ހަމަޔަށް ގިނަ ޢަދަދެއްގެ އެންމަޑިޔާއި މިޔަރު ފެންނަ ސަރަޙައްދެކެވެ. އެރަށު ގައުމުއްޔަކީ ކުދި މިޔަރާއި މަޑިއާއި އެހެނިހެން މަސްތައް ވިހައި އާލާވާ ސަރަޙައްދެކެވެ. އަދި ކެލާ ފަޅަކީވެސް ކުދިމަސްމަހާއިމެހި ވިހާ އާލާވެ އަދި ތަފާތު ވައްތަރުގެ މުރަކަ އާލާވާ ސަރަހައްދެކެވެ.

އަޅުގަނޑު މިދެންނެވީ ރާއްޖޭގެ މަދު ރަށަކުން މެނުވީ މިއަދު ފެންނަން ނެތް ކަންކަމެވެ. މިފަދަ ޤުދުރަތީ ވަސީލަތްތައް އެންމެ ހެޔޮ ގޮތުގައި ބޭނުންކޮށް އާމްދަނީ ހޯދުމުގެ ފުރުސަތު މިއަދު މިވަނީ ފަހިވެފައެވެ. އެހެންނަމަވެސް ކުރިންވެސް ދެންނެވި ފަދައިން މި ރަށުގައި އަދި މިފަދަ މަންޒަރެއް ފެނިގެނެއް ނުދެއެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހއ. ކެލާ ކައުންސިލްގެ މެމްބަރ އައިޝަތު މިޒްނާ ވަނީ، މިފަދަ އިންތިޒާމެއް ހަމަޖެހިފައި ނުވަނީ ކައުންސިލަށް ކުރިމަތިވެފައިވާ ބަޖެޓްގެ ދަތިކަމުންކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، މި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ކައުންސިލްތައް ބާރުވެރިކޮށް ކައުންސިލަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދީފައިވުމުން މިހާރު މި ތަންތަނުގެ ބޭނުން ހިފޭނެގޮތުގެ ޕްލޭންތައް ތައްޔާރުކޮށްފައިވާކަމަށެވެ. އެގޮތުން އިނގިރޭސީން އުޅުނުކަމުގެ ނިޝާންތައް ފެންނަން ހުރި ކެލާ ތުނޑީ ސަރަހައްދު ހިމާޔަތްކުރުމާއި، ހުކުރި މިސްކިތް ފަދަ އާސާރީތަންތަން ހިމާޔަތްކުރުމަށް ނިންމާފައިވާކަމަށެވެ.

"ކެލާ ތުނޑީގައި ބަޑިގެޔަކާއި، ވަޅެއް އަދި އަޑިއަށް ގޮސްފައިވާ ބޯޓެއްވެސް އެބަ އޮތް. މިއީ ފަތުރުވެރިންނަށް ހުރި އޮޕަޗުނިޓީސް ދެއްތޮ. މިފަދަ ތަންތަނުގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ޕްލޭންތައް ހަދާފައި މިވަނީ. ބަޖެޓް ނެތުން މައްސަލައަކީ" ކެލާ ކައުންސިލް މެމްބަރ މިޒްނާ ވިދާޅުވުއެވެ.

މިކަންކަން ކުރުމުން 5 ވަރަކަށް ގެސްޓްހައުސް މިހާރު ހިންގާ ހއ. ކެލާގެ ލޯކަލް ޓުއަރިޒަމް ސިނާއަތައް އިތުރު ބޮޑު ދިރުމެއް ލިބޭނެކަމަށް އެ ރަށު ކައުންސިލުންވެސް ޤަބޫލުކުރެއެވެ.

މަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

ރީތި ރަށް ♥️♥️♥️♥️