ޚަބަރު

ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިން ރައްކާތެރިކޮށްދޭ ދަޢުލަތެއް ބިނާކުރުމަކީ އަމާޒެއް- ރައީސް


ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިން ރައްކާތެރިކޮށްދޭ ދައުލަތެއް ބިނާކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވާޖިބުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ގެވެށި އަނިޔާއާ ދެކޮޅަށް ފެށި ޤައުމީ ކެމްޕެއިން "ގެވެށި ގުޅުން" އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި މެސެޖްގައި ވަނީ، ފަޚުރުވެރި ޢާއިލާތަކެއް ބިނާކުރުމަށް ސަރުކާރުން ވީ ވަޢުދު ހަނދާން ނުނެތޭކަމަށް ވިދާޅުވެ، ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައަށް ނޫނެކޭ ބުނުމުގެ ޙައްޤާއި، ފުރުޞަތާއި، ހިތްވަރު ކޮންމެ މީހަކަށްވެސް ލިއްބައިދޭކަން ހާމަކުރައްވާފައެވެ.

ރައީސް ވަނީ އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާއި ޢަދުލު އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރުކޮށް ހަރުދަނާކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާފައެވެ. ޢެގޮތުން ސަރުކާރުގެ ބަޖެޓުން އެކަންކަމަށްކުރާ ހޭދަ އިތުރުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"މި އަހަރު މިނިސްޓްރީ އޮފް ޖެންޑަރއަށް ކަނޑައަޅާފައިވާ ބަޖެޓު މިވަނީ، 294 މިލިއަން ރުފިޔާއަށް އިތުރުކޮށްފައި. މިއީ، މިދިޔަ ސަރުކާރުގެ އެންމެފަހު އަހަރު، 2018 ވަނަ އަހަރު، އެ މިނިސްޓްރީއަށް ކަނޑައަޅާފައި އޮތް ބަޖެޓަށްވުރެ، 111 މިލިއަން ރުފިޔާ، އިތުރު ބަޖެޓެއް. އެހެންކަމުން، ގެވެށި އަނިޔާގެ މައްސަލަތަކާއި، މިނިސްޓްރީ އޮފް ޖެންޑަރގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް، ދައުލަތުގެ ބަޖެޓުންވެސް ޚާއްޞަ އިސްކަމެއް ދީގެން މިއަންނަނީ މަސައްކަތް ކުރަމުން" ރައީސް ވިދާޅުވިއެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާއި ޢަދުލު އިންސާފު ހޯދައިދިނުމަށް އިސްކަންދީގެން ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަވަމުންގެންދަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުވެސް، 28 އަހަރުގެ ދިގު އިންތިޒާރަކަށްފަހު، މިދިޔަ 2019 ވަނަ އަހަރުގެ ފަހުކޮޅު ތަޞްދީޤުކޮށް، މިއަހަރުގެ ކުރީކޮޅު ޢަމަލުކުރަން ފަށާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބުނާ މިނިވަން، މުސްތަޤިއްލު "ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން" އެއް ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މިހާރުކުރިއަށްދާ މަސައްކަތް ނިމުމުން އެ މަޤާމަށް އޭނާ ޢައްޔަނުކޮށް، "ޗިލްޑްރަންސް އޮމްބަޑްސްޕަރސަން"ގެ ރަސްމީ އޮފީހެއް ޤާއިމުވެ، އެ އޮފީހުގެ މަސައްކަތްތައް ފަށައި، ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛުކުރާ މިންވަރު ބެލުމުގެ މަސައްކަތްތައް ފެށޭނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން އަންހެނުން ބާރުވެރިކުރުވައި އިދާރީ ދާއިރާތައް ހިންގުމުގައި، އަންހެނުންގެ ދައުރު އިތުރުކޮށް، ޝަރުޢީ ނިޒާމުގެ ތެރެއިންނާއި، ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމާއި، ވިޔަފާރީގެ ރޮނގުން ކުރިއަށްދިޔުމުގައި އަންހެނުންނަށް ގިނަ ފުރުޞަތުތަކެއް ފަހިކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.