ޚަބަރު

ސޮނޭވާފުށިން ޕޮޒިޓިވްވި މީހާގެ ދެވަަނަ ސާމްޕަލް ނެގެޓިވްވެއްޖެ


ސޮނޭވާފުށިން ރިޒޯޓުން ކޯވިޑް-19އަށް މިއަދު ޕޮޒިޓިވްވި މީހާގެ ދެވަަނަ ސާމްޕަލް ނެގެޓިވްވެއްޖެއެވެ.

ސޮނޭވާފުށިން ރިޒޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ރިޒޯޓުން ކޯވިޑް-19އަށް ޕޮޒިޓިވްވި ކަމަށް ފުރަތަމަ ނަތީޖާ ލިބުނު މީހާގެ ދެވަނަ ސާ،މްޕަލް ކޯވިޑް 19 އަށް ނެގެޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން ފުރަތަމަ ލިބުނު ނަތީޖާ އަކީ ފޯލްސް ޕޮޒިޓިވް ނަތީޖާއެއް ކަމަށެވެ.

އެރިޒޯޓުން ހާމަކޮށްފައިވާ ގޮތުގައި ފުރަތަމަ ސާމްޕަލް ޓެސްޓް ޕޮޒިޓިވްކަމަށް ދެއްކި ނަމަވެސް އޭނާގެ ކިބައިގައި ބަލީގެ އެއްވެސް އަލާމާތެއް ނެތެވެ.

ސޮނޭވާފުށި ރިޒޯޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެމުވައްޒަފު ކޯވިޑަށް ޕޮޒިޓިވްވި ކަމަށް ނަތީޖާ ދެއްކީ އެރިޒޯޓުގެ ހުރިހާ މުވައްޒަފުން ކޯވިޑް-19އަށް ޓެސްޓް ކުރުމުގެ ތެރެއިން ކަމަށެވެ.

އެރިޒޯޓުގެ މުވައްޒަފުންގެ ޓެސްޓްތައް ހަދާފައި ވަނީ، މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ޤާއިމްކޮށްފައިވާ ކޯވިޑް ޓެސްޓް ސެންޓަރުގައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މިއަދު ހުޅުވާލި އިރު އެރިޒޯޓަށްވެސް ބައެއް ފަތުރުވެރިން އައެވެ. އަލުން ފަތުރުވެރިންނަށް ޚިދުމަތްތައް ދިނުކަށް ޓުއަރިޒަމް މިނިސްޓްރީ އާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ޚިދުމަތް ދިނުމަށް ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. މިގޮތުން މާފަރު އެއާޕޯޓުގައި ޤާއިމްކޮށްފައިވާ ކޯވިޑް ޓެސްޓް ސެންޓަރަކީވެސް އެރިޒޯޓުގެ މާލީ އެހީއާއި އެކު ޤާއިމްކޮށް އޭޑީކޭ ހޮސްޕިޓަލްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ސެންޓަރެކެވެ.