ކުޅިވަރު

މެންޗެސްޓާ ސިޓީން ފައިނޭންޝަލް ފެއާޕްލޭއާ ޚިލާފުވި މައްސަލަ


ފައިނޭންޝަލް ޕެއާޕްލޭއާ ޚިލާފުވުމުގެ ސަބަބުން މެންޗެސްޓާ ސިޓީއަށް ކުރިއަށް އޮތް ދެ އަހަރު ޔޫރަޕުގެ ފުޓްބޯޅަ މުބާރާތްތަކުގައި ވާދަނުކުރެވޭގޮތަށް ދީފައިވާ އަދަބު ކުޅިވަރުގެ އެންމެ މަތީ ކޯޓުން އުވާލުމުން ބޮޑެތި ބައެއް ކުލަބުތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ
.
ޔޫރަޕުގެ މައި ފުޓްބޯޅަ ޖަމިއްޔާއިން ސިޓީ ސަސްޕެންޑްކުރީ ކުލަބަށް ނުލިބޭ ފައިސާތަކެއް ލިބުނުކަމަށް ހަދައިގެން ޚަރަދުކުރި ކަމުގެ ކުށުގައެވެ. ނަމަވެސް ކުޅިވަރުގެ އެންމެ މަތީ ކޯޓުން ނިންމީ ސިޓީއިން ހިލާފުވެފައިވާ ކަންތައްތަކަކީ ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ ކަންތައްތަކެއް ކަމަށެވެ.

ނަމަވެސް މިކަމާމެދު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެންޗެސްޓާ ސިޓީ ޗެމްޕިއަންސް ލީގުގައި ކުޅޭތީ އުފާކުރާ ކަމަށާއި، ނަމަވެސް އަދަބެއް ލިބޭނީ ކުށެއް ކޮށްފައި އޮތުމުން ކަމަށެވެ. އަދި އަދަބެއް ދިނުމަށްފަހު އަލުން އެކަން ބަދަލުކޮށް ހަމައެކަނި ޖޫރިމަނާއަކުން ނިންމާލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، އެހެންކަމުން އެކަމާއިމެދު ހިތްހަމަ ނުޖެހޭކަމަށްވެސް ކްލޮޕް ބުންޏެވެ. އޭނާބުނީ ފައިނޭންޝިއަލް ފެއާޕްލޭއަކީ ފުޓުބޯޅައަށް ވަރަށް މުހިންމު އެއްޗެއް ކަމަށާއި، އެހެންނޫންނަމަ ފައިސާހުރި ބާރުގަދަ ކުލަބުތަކުން ގަވާއިދަށް ބޯލެނބުމަށް ފަރުވާކުޑަކޮށް މުޅި ފުޓުބޯޅަ އަޅުވެތިކޮށްފާނެކަމަށެވެ.

މި މައްސަލާގައި ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ސިޓީގެ އަދަބު އުވާލިގޮތް ކަމަކު ނުދާ ކަމަށެވެ. ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަމިލާނާއި ރެއާލް މެޑްރިޑް ފަދަ ބޮޑެތި ކުލަބުތަކަށް ކޯޗުކޮށްދިން މޮރީނިއޯ ބުނީ ކަމުގެ ހަގީގަތަށް ބަލާއިރު އަދަބެއް ޔޫރަޕުގެ މައި ފުޓްބޯޅަ ޖަމާއަތުން ކަނޑައަޅާނީ ސާބިތުހިފޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް ފަހުން އެ ނިންމުން އެހެން ގޮތަކަށް އެނބުރިގެން ދިއުމާމެދު ސުވާލު އުފައްދަން ފުރުސަތު ލިބޭ ކަމަށެވެ.

މި މައްސަލާގައި އެންމެ ފުރަތަމަ ހިތްހަމަނުޖެހުން ފާޅުކުރީ ސްޕެނިޝް ލީގުންނެވެ. އެ ލީގުގެ ރައީސް ވަނީ އަރަބި މަހުޖަނަކު ހިންގާ ސިޓީގެ ސަސްޕެންޝަން އުވާލުމުގައި ރިޝްވަތުދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.