ޚަބަރު

އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި އެކި ދާއިރާތަކުން ފަންނުވެރި ޒުވާނުން ބިނާ ކުރަންޖެހޭ: ނައިބު ރައީސް


އެހެން މީހުންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެކި ދާއިރާތަކުން ފަންނުވެރި ޒުވާނުން ތަމްރީނުކޮށް ބިނާކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.

ވަޒީފާގެ ބާޒާރަށް ދިވެހި ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފައްޓަވައި ދެއްވައި ނައިބު ރައީސް ވަނީ ކޯވިޑް-19 އިން ދިމާވެފައިވާ އުނދަގޫތަކުން އަރައިގަތުމަށްޓަކައި އެންމެ މުހިއްމު ކަމަކީ ޒުވާނުން ވަޒީފާގެ މައިދާނަށް ނެރުންކަން ފާހަގަކުރައްވާފައެވެ.

ރާއްޖެއަށް އިޤުތިޞާދީ ގޮތުން އެންމެ ބޮޑު ނަފާއެއް ލިބޭ ފަތުރުވެރިކަމުވެ ދާއިރާ އާއި އިމާރާތް ކުރުމުގެ ދާއިރާއަށްވެސް ހީނުކުރާ ބޮޑު ގެއްލުމެއް ލިބިފައިވާކަން ނައިބު ރައީސް ފާހަގަކުރައްވާފައެވެ. އަދި އާއްމު ހާލަތަށް ރުޖޫއަވެ އަލުން އިޤްތިޞާދު ހިނގައިގަންނައިރު މި ދާއިރާތަކުން ދިވެހި ޒުވާނުން ބިނާކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ވިދާޅުވިއެވެ.

"އަންހެނުންނާއި ފިރިހެނުންނަށް ހިތްހަމަ ޖެހިގެން މަސައްކަތް ކުރެވޭނެ މާހައުލަކަށް މަސައްކަތް ކުރާ ތަންތަން ވާން އެބަޖެހޭ. މަސައްކަތުގެ މައިދާނުގައި އެކަކު އަނެއްކަކާއި ގުޅިގެން މަސައްކަތް ކުރަން އެބަޖެހޭ. ކޮންމެ މީހަކީވެސް ތަފާތު މީހަކަށް ވުމުގެ އަޒުމުގައި މަސައްކަތް ކުރަން އެބަޖެހޭ." ނައިބު ރައީސް ފައިޞަލް ނަޞީމް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އުފެއްދުންތެރި ދިވެހި ޒުވާނުންތަކެއް ބިނާކުރުން ކަމަށާއި ސަރުކާރުންވެސް އެންމެ ބޮޑު ހޭދައެއް ކުރަމުން ދަނީ ފަންނުވެރި ޒުވާނުންތަކެއް ބިނާކުރެއްވުމަށް ކަމަށެވެ.

މަސައްކަތުގެ މައިދާނަށް ޒުވާނުން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ދާއިރު މަސައްކަތް ކުރާ މާހައުލަކީ ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެތަނަކަށް ވާންޖެހޭކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ޅައުމުރުގައި ރިސްކް ނަގައިގެންވިޔަސް ކަންކަން ދަސްކުރާ ބަޔަކަށްވުމަށް ގޮވާލައްވާފައެވެ.