ޚަބަރު

"ސްކިލްސް ފޯ އަ ރެސިލިއަންޓް ވޯރކް ފޯސް" ޕްރޮގްރާމް 80 ބައިވެރިންނާއި އެކު ފަށައިފި


ވަޒީފާގެ ބާޒާރަށް ދިވެހި ޒުވާނުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ "ސްކިލްސް ފޯ އަ ރެސިލިއަންޓް ވޯރކް ފޯސް" ޕްރޮގްރާމް 80 ބައިވެރިންނާއެކު ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ސަރުކާރާއި ވޯލްޑް ބޭންކާއި ގުޅިގެން 1 އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.

"ސްކިލްސް ފޯ އަ ރެސިލިއަންޓް ވޯރކް ފޯސް" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މިޕްރޮގްރާމަކީ ވަޒީފާއަކަށް ބޭނުންވާ ހުނަރުތަކާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ފެށުމަށް ތައްޔާރުވެފައިވާ ހުނަރުވެރި އަދި ޤާބިލު ބައެއް އުފެއްދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ އިސްނެންގުވުމުގެ މަތިން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދީ ޤައުމު މިހާރު އޮތް ހާލަތުން އަރައިގަނެ އިޤްތިޞާދު އަލުން ފަށައިގަންނައިރު ސިނާޢަތްތަކަށް މީހުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ އެކި ދާއިރާތަކުން 1200 މީހުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތަމްރީން ކުރާ މީހުންގެ ތެރެއިން މަދުވެގެން 33 އިންސައްތަ، އަންހެނުންނަށް ޚާއްސަކުރުމަށް ނިންމާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން 600 މީހުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އައިސީޓީ ދާއިރާއިން 200 މީހުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި އިމާރާތްކުރުމުގެ ދާއިރާއިން 400 މީޙުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙިމް ހަސަން ވިދާޅުވީ މި ޕްރޮގްރާމްގައި 14 އަތޮޅަކުން 3 ކޯހެއްގައި 80 ދިވެހި ޒުވާނުން ބައިވެރިވެފައިވާކަމަށެވެ. އަދި މީގެ ތެރޭގައި ގިނައި އަންހެން ކުދިންކަމަށާއި މިގޮތުން 54 އަންހެން ކުދިންނާއި 28 ފިރިހެން ކުދިން ބައިވެރިވެފައިވާކަމަށް މިނިސްތަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި ހުރިހާ ކުދިންވެސް ބައިވެރިވެފައިވަނީ އެކުދިން އަމިއްލައަށް ބޭނުންވެގެންކަމަށެވެ.

"ފްރަންޓް އޮފީސް، ޕޭސްޓްރީ އެންޑް ބޭކަރީ ، ފުޑް ޕްރިޕަރޭޝަން މި ކޯސްތަކުގައި ބައިވެރިވެފައި ވަނީ. ކޯވިޑް ގެ މިހާލަތާ ގުޅިގެން ތިއަރީ ބައިތައް އޮންލައިންކޮށް ކިޔަވައިދޭނެ. ޕްރެކްޓިކަލް ބައި އިންޑަސްޓްރީއިން ފުރުޞަތުތައް ހޯދަދީގެން ކުރިއަށް ގެންދާނެ."ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ވަޒީފާގެ ބާޒާރަށް ދިވެހި ޒުވާނުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ކޯސްތަކަކީ ޤައުމީ ސަނަދުގެ ލެވެލް 3 ގެ ކޯސްތަކެކެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކޯހުގެ ބައިވެރިންނަށް ކަނޑައެޅޭ އުޞޫލްގެ މަތިން ޕޮކެޓް މަނީގެ ގޮތުގައި 2000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސަރުކާރުން މީޙުން ބިނާކުރުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ސަބަބުން އެކި ސިނާޢަތްތަކަށް ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ހުނަރުވެރި މީހުން ބާޒާރަށް ނެރުމާއި އިޤްތިޞާދީ ހަރަކާތްތަކުގައި ބައިވެރިވެރިވުން އިތުރުވެގެންދާނެއެވެ..
މިއާއެކު ރައްޔިތުންގެ ފަރުދި ކުރިއެރުމައެކު ޤައުމުގެ އިޤްތިޞާދަށް ކުރިއެރުން ލިބި ޢާއިލާތަކެއްގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުވެގެން ދާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ