ޚަބަރު

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި


ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދަޢުވާ ކްރިމިނަލް ކޯޓުން ބާޠިލްކުރުމަށް ނިންމެވި ނިންމެވުމާއިއެކު ރައީސް ޔާމީން ޖަލުގައި ބަހައްޓަންޖެހޭ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަމަށްބުނެ ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް ގޮވާލާ ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލާފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 20 މެމްބަރުންގެ ވޯޓުންނެވެ. މިއްސަލަ ބަލައިގަތުމަށް ފަންނަކަމަށް ވޯޓު ދެއްވީ 7 މެމްބަރުންނެވެ.

އާދަމް ޝަރީފްގެ މައްސަލާގައި ވަނީ ރައީސް ޔާމީން މައްޗަށް ދަޢުވާ އުފުލުމުގައި އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތާގުޅިގެން ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ދެއްވާފައިވާ ބަޔާންތަކަށް ރިޢާޔަތްކޮށްފައިވަނިކޮށް، ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު މައްޗަށް ކުރި ހުރިހާ ދަޢުވާތަކެއް ކްރިމިނަލް ކޯޓުން އިއްޔެ ބޭރުކޮށްލުމާއި، ސަރުކާރުން ބިރުދައްކައި، މަޖުބޫރުކުރުވައިގެން އެއްބަސްވުމެއް ހަދައި، ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދީފައިވާކަމަށް ކްރިމިނަލް ކޯޓުގައި އަޙްމަދު އަދީބު ދެއްކެވި ވާހަކަތަކުން ހާމަވެފައިވާކަމަށް ބުނެފައެވެ.

ސީދާގޮތުންނާއި ނުސީދާގޮތުން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ތަޙްޤީޤަށް ނުފޫޒު ފޯރުވިކަމަށާއި ޤާނޫނީ ހަމަތަކާއި ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްސަލަ ބާޠިލް ކޮށްފައިވާ ކުރުމުން ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނާއިންސާފުންކަން ހާމަވާކަމަށެވެ.

ރައީސް ޔާމީނަށް ޙުކުމް ކުރުމުގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ބަޔާންތަކަށް ރިޢާޔަތްކޮށްފައިވާތީވެ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޤާނޫނާ ޚިލާފަށް ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ދަޢުވާއަކަށް ވާތީ، މިކަން ދިވެހިސަރުކާރުގެ ސަމާލުކަމަށް ގެނެސް، ރައީސް ޔާމީން ޖަލުގައި ބަހައްޓަންޖެހޭ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.