ޚަބަރު

ވެށިފަހި މާލެ ޕްރޮގުރާމުގެ އެއްވެސް ލިޔުމެއް ދައުލަތަކު ނެތް: އަސްލަމް


ވެށިފަހި މާލޭގެ ލިޔެކިޔުންތައް ދައުލަތުގެ ތެރޭގައި ހުރީ ކޮންތާކު ކަމެއް އެނގޭމީހަކު މިހާރު ނެތްކަމުގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަޒީރާއި ކުރެއްވި ސުވާލުތަކުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ވެށިފަހި މާލޭގެ ޕްރޮގުރާމުތަކުގެ ތެރެއިން ފްލެޓަށް އެދުނު މީހުންގެ އެއްވެސް ލިޔެކިޔުމެއް ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ނެތްކަމަށެވެ.

މިއީ އެތައްބައެއްގެ ހައްގު އެކުލެވޭ ކަމަކަށްވާއިރު، މިކަމުގެ ލިޔެކިޔުންތައް ދައުލަތުގެ އެއްވެސް ވުޒާރާއެއްގައި ނެތުމަކީ ކަންބޮޑުވާންޖެހޭކަމެއްކަމަށެވެ. އެއްސަރުކާރުން އަނެއްސަރުކާރަށް ހިންގުން ބަދަލުވާ ކޮންމެފަހަރަކު ދައުލަތުގެ މުހިންމު ލިޔެކިޔުންތައް ގެއްލިގެންދާނަމަ އެއީ ކަންބޮޑުވާންޖެހޭކަމެއް ކަމަށާއި އަދި މިއީ ތަހުގީގެއް ހިންގައިގެންވެސް ބަލަންޖެހޭ ކަމެއްކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"އެއްސަރުކާރުން ކޮށްފައިވާ ކަންކަން އަނެއްސަރުކާރުން ގެއްލުވާލައި، އެކަން ނުވާނެ ގޮތަކަށް ހައްލެއް ހޯދަންޖެހޭ. ދައުލަތުގެ ލިޔެކިޔުންތައް ހުންނަންޖެހޭ. އެކަމަކީ ސަރުކާރާއި ހަވާލުވާ ބައެއްގެ ޒިންމާއެއް. މިއީ ވަރަށް ހިތާމަހުރިކަމެއް. ވެށިފަހި މާލޭގެ ޕްރޮގްރާމުގެ ލިޔުން ފެންނަން ނެތުން. މިކަން ތަހުގީގެއް ހިންގައިގެންވެސް ބަލަންޖެހޭ" މިނިސްޓަރ އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ވެށިފަހި މާލެ ޕްރޮގުރާމުގެ ތެރެއިން ފްލެޓަށް ލިޔުން ދޫކުރި މީހުން އަތުން ލިޔުން ގެއްލިގެން ދެން ފްލެޓަށް އެދުނު ނަމަވެސް އެކަން ކޮށްދެވުމަކީ ދުރުކަމެއްކަމަށެވެ. ނަމަވެސް ލިޔުން އޮތް މީހުން ހުށަހަޅާ ލިޔުމަށްބަލައި އުސޫލުތަކުގެ ތެރެއިން އެކަން ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"މިސާލަކަށް މީހަަކަށް ލިބިފައޮތް ލިޔުމެއް، އެލިޔުން ހުށަހެޅީމަ އެލިޔުމުގައި އެގޮތަށް އޮތްކަމަށް ވަންޏާ އެގޮތަށް އަޅުގަނޑުމެން އެކަން ކޮށްދޭނެ. ފްލެޓެއް ހަމަޖައްސާފައި އޮތްކަމަށް ވަންޏާ އެކަން ހަމަޖައްސަން އޮތް އުސޫލުން އެކަން ކޮށްދޭނަން" އަސްލަމް ވިދާޅުވިއެވެ.

ވެށި ފަހި މާލެ ޕްރޮގްރާމަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ ދަށުން 3 ކެޓެގަރީއަކުން މިކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވެއެވެ. އެގޮތުން ކުދި ބިން ތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި، ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހިންގެ އިތުރުން މުނިސިޕަލްޓީގެ ދަފްތަރުގައި، 30 ޖޫން 2011 ގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ މީހުންގެ ކެޓަގަރީ ހިމެނެއެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ފްލެޓާއި ގޯތި ލިބިފައިވާއިރު، ފަހުން އެ މަޝްރޫޢު ކުރިއަށްގެންގޮސްފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން އެޗް.ޑީ.ސީއާއި ހަވާލުކޮށްގެންނެވެ.