ޚަބަރު

ހަމަނުޖެހުން ހިންގި ބިދޭސީންގެ ބަންދަށް 15 ދުވަސް


މުސާރަ ނުލިބިގެން އައިލެންޑް އެކްސްޕާޓުގެ މުވައްޒަފުން ކުރި އިހުތިޖާޖުގައި، ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން ހިންގި ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިއްޔެ ހުޅުމާލޭގައި ހިނގި ހަމަނުޖެހުމުގައި 41 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ފުލުހުން ވިދާޅުވީ މި އެންމެންވެސް ބަންދުގެ މުއްދަތަށް 15 ދުވަސް ކްރިމިނަލްކޯޓުން އިތުރުކޮށްދީފައިވާކަމަށެވެ.

މުސާރަ ނުދީގެންކަމަށް ބުނެ ބިދޭސީން އިއްޔެ ކުރި މުޒާހަރާ ކޮންޓްރޯލްކުރުމަށް ދިޔަ ފުލުހުންނާއި ކުރިމަތިލާ ބިދޭސީން ހިންގި ހަމަނުޖެހުމުގައި ފުލުހަކަށް އަނިޔާވެ ފުލުހުންގެ ވެހިކަލްތަކަށް ވަނީ ގެއްލުން ލިބިފައެވެ. ފުލުހުންނާއި ކުރިމަތިލި ބިދޭސީން ވަނީ ފުލުހުންނާއި ދިމާއަށް ގަލާއި ވެއްޔާއި ލަކުޑިފަދަ ތަކެތި އުކާފައެވެ.

އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ މި ބިދޭސީންނަކީ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރަމުން ގެންދާ މީހުންނެވެ. މި މީހުންނަށް މުސާރަ ނުދޭތާ 7 މަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް އެ މީހުން މީގެކުރިންވެސް ބުނެފައިވެއެވެ. އަދި މީގެކުރިންވެސް މި މިީހުންވަނި ހުޅުމާލޭގައި މުޒާހަރާކޮށްފައެވެ. އެ ފަހަރުގެ މުޒާހަރާ އެމީހުންނަށް ހުއްޓަލީ މިމަހުގެ 10 ވަނަދުވަހުގެ ކުރިން މުސާރަދޭން ކުންފުނިން އެއްބަސްވެ އެކަން އެންގުމުންނެވެ.

އައިލެންޑް އެކްސްޕާޓުން ކޮންމެ ބިދޭސީ މުވައްޒަކަށް މިދިޔަ ހަފްތާގައި 1600ރ ދީފައިވާކަމުގައި މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް ބިދޭސީން ޑިމާންޑް ކުރަމުން ގެންދަނީ އެމީހުންނަށް ލިބެންޖެހޭ މުސާރަ ހޯދުމަށެވެ.