ތަޢުލީމު

ހއ އަތޮޅުގެ 2 މަދަރުސާއެއް މަރާމާތުކުރުމަށް ބަޔަކާއި ހަވާލުކޮށްފި


ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން ހއ. އަތޮޅުގެ ދެ ރަށެއްގެ މަދަރުސާގެ މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ދެ ފަރާތަކާއި ހަވާލުކޮށްފިއެވެ. އެގޮތުން މިއަދު ވަނީ ހއ. އަތޮޅު މަދަރުސާގައި ސްކޫލު ހޯލެއް އިމާރާތްކުރުމަށާއި، ހއ. ވަށަފަރު ސްކޫލުގައި 4 ކުލާސް ރޫމާއި ކޮމްޕިއުޓަރ ލެބެއް އިމާރާތްކުރުމުގެ މަސައްކަތް 2 ކުންފުންޏަކާއި ހަވާލުކޮށްފައެވެ. 7 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހއ. އަތޮޅު މަދަރުސާގައި ސްކޫލު ހޯލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއެވެ. އަދި 3 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހއ. ވަށަފަރު ސްކޫލުގައި ހަތަރު ކުލާސް ރޫމާއި ކޮމްޕިއުޓަރ ލެބެއް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ހއ. ދިއްދޫ މުންނާރު ގަސްދޮށުގޭ އިބްރާހިމް ރަޝީދުއާއެވެ. މި 2 މަޝްރޫޢު ހަވާލުކުރިކަމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް އިސްމާޢީލް އެވެ. މި 2 މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް އިސްމާއިލް ވިދާޅުވީ، މި ދެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ހއ އަތޮޅު މަދަރުސާއަށާއި، އެއަތޮޅު ވަށަފަރު މަދަރުސާގައި ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށާއި، މި ދެ މަދަރުސާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރެވިގެންދާނެ ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގެ މަދަރުސާތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ނިސްބަތަށް ބަލައި، ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ މަދަރުސާތަކަށް އިސްކަމެއް ދެއްވައިގެން އެފަދަ މައްސަލަތައް ހައްލުކުރުމަށް  އެޑިއުކޭޝަން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.