އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާހޯދުމަށް 59 ބަލިމީހަކު ގެންގޮސްފިއެވެ. އާސަންދަ ކުންފުނިން މީގެ ކުރިންވެސް ވަނީ އާސަންދައިގެ ދަށުން 28 މީހަކު އިތުރު ފަރުވާއަށް އިންޑިއާގެ ކޮޗިންއަށް ގެންގޮސްފައެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާސަރުކާރުން ދެއްވި ހުއްދައާއެކު، އާސަންދައިގެ ޚަރަދުގައި މިރޭ 59 ބަލިމީހުން އިތުރު ފަރުވާ ހޯދުމަށް އިންޑިއާއަށް ފޮނުވާލާފައިވާކަން އާސަންދަ ކުންފުނިން ވަނީ ހާމަކުރައްވާފައެވެ. މި މީހުންގެ ތެރެއިން އިންޑިއާގެ ޓްރެވެންޑްރަމްއަށް ދިޔަ 10 ބަލިމީހުންނާއި 10 އެހީތެރިން ރާއްޖެއިން ފުރާފައިވަނީ ހެނދުނު 08:00 ގައެވެ.
އަދި މީހުންގެ ތެރެއިން އިންޑިއާގެ ކޮޗިންއަށް ފުރި 49 ބަލިމީހުންނާއި 49 އެހީތެރިން ރާއްޖެއިން ފުރާފައިވަނީ މިއަދު ހެނދުނު 10:00ގައެވެ. މި ބަލިމީހުންނާއެކު ބަލިމީހުންގެ އެހީތެރިއަންނާއި ބަލިމީހުންގެ ޞީއްޙީ ކަންކަން ދަތުރުމަތީގައި ބެލެހެއްޓުމަށް ޑޮކްޓަރުންނާއި ނަރުހުންވެސް ގޮސްފައިވެއެވެ. މި ފަރާތްތައް މިހާރު އިންޑިއާއަށް ދެވިފައިވާއިރު، މި ފަރާތްތަކަށް އހީވުމަށް އިންޑިއާގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ކޮންސިއުލޭޓްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި މީހުންގެ ތެރެއިން ކޮޗިންއަށް ދިޔަ ބަލިމީހުން ފަރުވާކުރުމަށް ހަމަޖެހިފައިވަނީ އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސަރޗް ސެންޓަރ، އެއިމްސް ގައެވެ. ކަރަންޓީނުގައި ތިބޭނީވެސް އެތަނުގެ އެކޮމޮޑޭޝަން ބްލޮކެއްގައެވެ. އަދި ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާ ކުރިއަށް ގެންދެވޭނެކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއެވެ. އަދި ޓްރެވެންޑްރަމްއަށް ދިޔަ ބަލިމީހުން ފަރުވާކުރުމަށް ހަމަޖެހިފައިވަނީ ކިމްސް ހޮސްޕިޓަލުންނެވެ.
ބަލިމީހުން ގޮވައިގެން ދިޔަ ފްލައިޓު އެނބުރި އަންނާނީ އިންޑިއާއިން ރާއްޖެއަށް ނާދެވި ތިބި 26 ދިވެހިން ގޮވައިގެންކަމަށް ފޮރިން މިނިސްޓްރީއިން ހާމަކުރެއްވިއެވެ. އާސަންދައިގެ ޚަރަދުގައި 87 މީހުން އިންޑިއާއަށް ގެންގޮސްފައިވާއިރު، އާސަންދައިގެ ދަށުން ނޫނަސް ކްރިޓިކަލް ފަރުވާ ބޭނުންވާ މީހުންނަށް އިންޑިއާއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.