ޚަބަރު

"ފުރަބަންދުގައި ފަޤީރުންގެ ދަފްތަރު މުރާޖަޢާ ނުކުރީ އިންސާފުވެރި ލިސްޓެއް އެކުލަވާ ނުލެވޭނެތީ"


ފުރަބަންދުގެ ޙާލަތުގައި، ފަޤީރުންގެ ދަފްތަރު މުރާޖަޢާކުރުމުގެ މަސައްކަތްކޮށްފައިނުވަނީ ހަމަހަމަކަން ގެއްލޭގޮތަށް ފަޤީރުންގެ ލިސްޓަށް ބަދަލުގެނައުމަކީ އިންސާފުވެރި ގޮތެއްކަމަށް ދެކެވަޑައިނުގަންނަވާތީކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ މިއަހަރުގެ ފިތުރު ޒަކާތް ބެހުމަށް ލިސްޓް މުރާޖަޢާކުރަން ނިންމުމަށްފަހު ކޯވިޑް-19ގެ ޙާލަތު ކުރިމަތިވުމުން މިފަދަ ބަދަލެއް ނުގެނައުމުން ޢާންމުންގެ ބައެއް ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިއަހަރުގެ ފިޠުރު ޒަކާތް ދިނުމުގައި ގެންގުޅުނު އުސޫލު ތަފްސީލްކޮށްދެއްވައި އިސްލާމިކް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި އެ ވަނީ، ޒަކާތް ނެގުމާއި ބެހުމުގެކަންކަން އިސްލާމީ ޝަރީޢަތުގެ ހަމަތަކާ އެއްގޮތަށް އިޞްލާޙުކޮށް، ގެންނަންޖެހޭ އިދާރީ ބަދަލުތައް ގެނައުމުގައި ގިނަ ކުރިއެރުންތަކެއް ޙާޞިލުކޮށް، ހެޔޮ މިސްރާބަކަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށެވެ.

ފަޤީރުންގެ ދަފްތަރު އާނުކުރަން ނިންމީ، ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ ރާއްޖެ ފުރަބަންދުކުރުމުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި ލިސްޓް މުރާޖަޢާކުރުމަކީ އެކަމަށް ވަކިޚާއްޞަ އިންތިޒާމްތައް ހަމަޖެހިގެން ދައުލަތުގެ ތަފާތު އެކި މުއައްސަސާތަކާއެކު ކުރަންޖެހޭ ކަމަކަށް ވެފައި، ފަޤީރުންގެ ދަފްތަރުގައި ހިމެނުމަށް އެދި ހުށަހަޅާ ފޯމާއެކު ވަރަށް ގިނަ ލިޔެކިޔުންތަކެއް ހުށަހަޅަންޖެހޭ މަސައްކަތެއްކަން އިސްލާމިކް މިނިސްޓްރީއިން ފާހަގަކުރެއްވިއެވެ.

ފުރަބަންދުގެ ޙާލަތުގައު ފަޤީރު ޙާލަތުގައި ތިބި ރައްޔިތުންނަށް މި ހުރިހައި ލިޔެކިޔުންތައް އެކި މުއައްސަސާތައް މެދުވެރިކޮށް ހަމަކުރުމަށްފަހު، އޮންލައިންކޮށް ހުށަހެޅުމަށް ހުރަސްތަކެއް މެދުވެރިވުމުން ހަމަހަމަ ފުރުޞަތު ނުލިބޭނެކަމަށް ޤަބޫލުކުރެވޭތީ ލިސްޓް މިއަހަރުގެ ތެރޭގައި ދެ ވަނަ ފަހަރަށް މުރާޖަޢާނުކުރަން ނިންމެވީކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވިއެވެ. އެހެންކަމުން މިއަހަރުގެ ފިތުރު ޒަކާތް ބަހާފައިވަނީ މިއަހަރުގެ ކުރީކޮޅު 02 ޞަފަރު 1441 ގައި އެކުލަވާލެވުނު ލިސްޓަށްކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއްވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބައެއް ފަރާތްތަކުން މިއަހަރުގެ ފިތުރު ޒަކާތް ބެހީ 1439 ވަނަ އަހަރުގެ ލިސްޓަށްކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވެފައިވެވެ. އަދި ޒަކާތުގެ ކަންކަން ހިނގާދިޔަގޮތް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހިއްސާކޮށްފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މި ބަޔާނުގައި އިސްލާމިކް މިނިސްޓްރީއިން ވަނީ 01 ޖޫން 2020 އިން ފެށިގެން ފުރަބަންދުގެ ޙާލަތަށް ލުއިތަކެއް ދިނުމާއެކު، މިއަހަރުގެ މުދަލު ޒަކާތް ބެހުމުގެ ކުރިން ފަޤީރުންގެ ދަފްތަރު މުރާޖަޢާކުރުމަށްޓަކައި އެމިނިސްޓްރީން މިހާރު ވަނީ ޢާއްމުކޮށް ހުޅުވާލައިފައިކަން ފާހަގަކުރައްވާފައެވެ.

އިސްލާމް ދީނުގެ ތިންވަނަ ރުކުން ކަމުގައިވާ ޒަކާތުގެ ޝިޢާރާއި އެނޫންވެސް އިސްލާމް ދީނުގެ މަތިވެރި ޝިޢާރުތައް ޤާއިމުކުރުގައި އެ މިނިސްޓްރީން ޢަމަލުކުރަމުންދާ ގޮތާމެދު ޢާއްމުންގެ ހިތްތަކުގައި ޝައްކު އުފެދި، އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް އިސްލާމިކް މިނިސްޓްރީންވަނީ އެންމެހައި ފަރާތްތަކަށް ގޮވާލައްވާފައެވެ.