ޚަބަރު

އިނގިރޭސިވިލާތުގައި ވިޔަފާރިކުރެވޭނީ މާސްކު އަޅައިގެން، ނޫނީ ޖޫރިމަނާކުރާނެ


ޖުލައި މަހުގެ 24ވަނަ ދުވަހުން ފެށިގެން ފިހާރަތަކާއި ވިޔަފާރިކުރާ ތަންތަނަށް ވަދެވޭނީ މާސްކު އަޅައިގެންކަމަށާއި އެގޮތަށް އެކަން ނުކޮށްފިނަމަ ޖޫރިމަނާކުރާނެކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ ސަރުކާރުން ދީފިއެވެ.

އިނގިރޭސިވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު މެޓު ހެންކޮކު ވިދާޅުވީ ބަޒާރުތަކުގައި މީހުން މާސްކު ބޭނުންކުރާނަމަ އެ ތަންތަނުން ޚިދުމަތް ހޯދާ މީހުންނަށާއި އެ ތަންތަނުގައި މަސައްކަތްކުރާ މީހުންނަށް ރައްކާތެރިކަމުގެ އިޙުސާސުކުރެވޭނެކަމަށެވެ. މާސްކު އެޅުމަށް އަންގާ ޤަވާއިދަށް ޢަމަލު ނުކުރާނަމަ 100 ޕައުންޑުން ޖޫރިމަނާކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. މާސްކު އަޅައިގެން ވިޔަފާރިކުރާ ތަންތަނަށް ޢާންމުން ދިއުމަކީ ސްކޮޓުލެންޑާއި ސްޕެއިންނާއި އިޓަލީވިލާތާއި ޖަރުމަނުވިލާތުގައި މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލެކެވެ.

ޢާންމުކޮށް ބައްދަލުނުވާ މީހުންނާ ބައްދަލުވާފަދަ ތަންތަނާއި ބަންދުވެފައި ހުންނަ ޢާންމު ތަންތަނުގައި މާސްކު ބޭނުންކުރުމަށް ސަރުކާރުންވަނީ މިދިޔަ މެއި މަހުގެ ތެރޭގައި އިރުޝާދު ދީފައެވެ. ޢާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރުމުގައި މާސްކު ބޭނުންކުރުމަށް ޖޫން މަހުގެ 15ވަނަ ދުވަހުން ފެށިގެންވަނީ ލާޒިމުކޮށްފައެވެ. ނަމަވެސް 11 އަހަރުން ދަށުގެ ކުޑަކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ބައެއް މީހުން އެ ޤަވާއިދަށް ޢަމަލުކުރުމުގައި އިސްތިސްނާވެއެވެ.

ވިޔަފާރިކުރާ ތަންތަނުގައި މާސްކު ބޭނުންކުރުމަށް ލާޒިމުކުރާ އުޞޫލަށް 11 ދުވަސް ފަހުން ޢަމަލުކުރަން ނިންމުމުން އެކަމާ ގިނަ ބަޔަކުވަނީ ހިތްހަމަނުޖެހުން ފައުޅުކޮށްފައެވެ. ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާމެދު ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.

68 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިނގިރޭސިވިލާތުގައި 290،133 މީހުންނަށް ކޯވިޑް-19 ޖެހި، 44،830 މީހުންވަނީ މަރުވެފައެވެ. ވިލާތުގެ ޤައުމުތަކުގެ ތެރެއިން ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. އެ ޤައުމުގައި ބަލި ފެތުރޭ މިންވަރު ދަށަށްދާން ފެށުމުން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަކަށްވަނީ ލުއި ދީފައެވެ.