ޚަބަރު

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަށް ވަމުންދާ ފަހުގެ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި


ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަށްވަމުންދާ އެންމެފަހުގެ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރެއްވި ޙާއްސަ ޒިޔާރަތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރާއްޖޭގެ ބައިނަލްއަޤްވާމީ ބޯޑަރުތައް އަލުން ހުޅުވާލުމަށްވަމުންދާ އެންމެފަހުގެ ތައްޔާރީތައް ބައްލަވާލައްވާފައެވެ. އަދި ކޯވިޑް-19އާއި ގުޅިގެން އައު އާއްމު ޙާލަތުގައި އެއަރޕޯޓުގައި ޚިދުމަތްތައްދިނުމަށް ހަމަޖައްސާފައިވާ އިންތިޒާމްތަކާއި ގުޅޭގޮތުން އެމަނިކުފާނު ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހީދާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ އިތުރުން އެއަރޕޯޓުގައި ބޯޑަރު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އިދާރާތަކުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޯވިޑް-19އާ ގުޅިގެން ޤައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފުރަބަންދުގެ ފިޔަވަޅުތަކާއިއެކު 27 މާރޗުގައި ރާއްޖޭގެ ބޮޑަރު ބަންދުކުރިއެވެ. ޒަރޫރީ ބޭނުމުގައި ތަކެތި ގެންނަ ފްލައިޓްތައް އަދި ރެޕަޓްރިއޭޝަން ފްލައިޓް ނޫން އެހެން ފްލައިޓެއް ވީ.އައި.އޭއަށް މި މުއްދަތުގައި ނުޖައްސައެވެ.

ބޯޑަރު ބަންދުކުރިތާ 110 ދުވަސް ފަހުން މާދަމާ ބޯޑަރު އަލުން ހުޅުވާލާއިރު މިކަމަށް ސަރުކާރުގެ އެކި އިދާރާތަކާއި، ކަމާބެހޭ އެކި ފަރާތްތައް ގުޅިގެން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. ނިއު ނޯމަލްގެ ދަށުން އަލުން ބޯޑަރު ހުޅުވާއިރު ޤައުމުގެ މައި ދޮރާށި ބަލަހައްޓާ ބެލެނިވެރި ފަރާތެއްގެ ގޮތުން އެމް.އޭ.ސީ.އެލްގެ ޒިންމާ ވަރަށް ބޮޑެވެ. އެއަރޕޯޓް ސްޓާފުންނާއި އެއަރޕޯޓު ބޭނުންކުރާ ފަސިންޖަރުންގެ ރައްކާތެރިކަމަށް މުޅި އެއަރޕޯޓުގެ ހިންގުން މިވަނީ ބަދަލުކޮށްފައެވެ. ނިއު ނޯމަލްގެ ދަށުން އެއަރޕޯޓު ސްޓާފުންނާއި، ފުރާ އަދި އަންނަ ފަސިންޖަރުންގެ ހުން ބަލާނެއެވެ. ޑިޕާޗަރ އަދި އެރައިވަލް ޓާމިނަލާއި އާންމު ތަންތާގައި ގައިދުރުކަން ދެމެހެއްޓުމަށް ހަނދާންކޮށްދޭ ނިޝާންތައް ވަނީ ހަރުކުރެވިފައެވެ. ކައުންޓަރުގައި ތިބޭ ސްޓާފުންނާއި ފަސިންޖަރުންނާއި ދެމެދު ބިއްލޫރި ޕާޓީޝަންވެސް ވަނީ ޖަހާފައެވެ.

އެއަރޕޯޓުގެ ތަންތަން ޑިސްއިންފެކްޓްކުރުމުގެ ކަންތައްތައް ޝެޑިއުލަކަށް ކުރިޔަށް ގެންދެއެވެ. ބޭރުގެ 12 އެއަރލައިނަކުން ރާއްޖެ އަންނަ ޝެޑިއުލްކޮށްފައިވާއިރު، އެންމެ ފުރަތަމަ ފަތުރުވެރިން ގޮވައިގެން އަންނާނީ ގަތަރު އެއަރވޭސްގެ ފްލައިޓެެކެވެ.