ޚަބަރު

އަދީބުގެ މައްސަލަ މާދަމާ އިސްތިއުނާފަށް ހުށައަޅަނީ


ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކެއް މިއަދު ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވާތީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމަވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ، އަދީބުގެ މައްސަލަ މާދަމާ ހައިކޯޓްގައި އިސްތިއުނާފް ކުރައްވާނެކަމަށާ، އިސްތިއުނާފްގެ ލިޔެކިއުންތައް މާދަމާގެ ހެނދުނުގެ ވަގުތެއްގައި ހައިކޯޓަށް ހުށައަޅުއްވާނެކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވީ މިއަދު ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވި ގަޒިއްޔާގައި އަދީބު ނުދައްކާ ވާހަކަތަކާއި، ޕީޖީ ހުށައަޅަފައިނުވާ ކަންކަންވެސް ހިމަނުއްވާފައިވާކަމަށެވެ. ކްރިމިނަލްކޯޓުގެ ނިންމެވެމުމަށް ޕީޖީވަނީ ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި އާ ދެކޮޅަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލުމުން އަދީބު ވަނީ މިނިވަންވެފައެވެ.