ޚަބަރު

ރާއްޖޭގެ ފުރަތަމަ ވާޗުއަލް ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް ނިންމާލައިފި


ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ވާޗުއަލް ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސެއް ބާއްވައިފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް، މާޕްއިން ބޭއްވި މިކޮންފަރެންސް އޮތީ މިމަހުގެ 11 އިން 12އަށެވެ. ދެދުވަހުގެ މުއްދަތަށް ބޭއްވި މިކޮންފަރެންސްގައި 150 އަށްވުރެ ގިނަ ފަރާތުން ބައިވެރި ކަމަށް މާޕުން މަޢުލޫމާތުދެއެވެ.

“Creating a Value-Driven Learning Culture” ތީމް ގެ ދަށުން ބޭއްވި މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ އިތުރުން އިންޑިޔާ، ޓްރިނިޑަޑް އެންޑް ޓޮބަގޯ، ސައުތު އެފްރިކާ، ޔޫކޭގެ އިތުރުން ސިންގަޕޯރގެ މަޝްހޫރު 20 ސްޕީކާސްއިން ސެޝަންތައް ނަގާދީފައިވެއެވެ. މިކޮންފަރެންސްގެ ކީނޯޓް ސްޕީކަރ އެއްގެ ގޮތުން ބައިވެރިވީ ރޮން ކޮފްމަން އެވެ. މީގެ އިތުރުން އިންޑިއާގެ ސްޕީކާސް އެސޯސިއޭޝަންގެ ކުރީގެ ރައީސް ކިރުބާ ޝަންކަރު ވެސް ސެޝަނެއް ނަގާދީފައިވެއެވެ.

މިކޮންފަރެންސް އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަރ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވީ މާޕްގެ ދެވަނަ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް ވާޗުއަލްކޮށް ބޭއްވީ ކޯވިޑް-19އާ ގުޅިގެން ކަމަށެވެ. އަދި ބޮޑު ތަރުހީބަކާއިއެކު މި ކޮންފަރެންސް ނިންމާލެވިފައިވާތީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ. މިކޮންފަރެންސްގައި ސްމާޓް އެންޑް ކްރިއޭޓިވް ލާނިންގ އެންޑް ޑިވެލޮޕްމަންޓް ސްޓްރެޓެޖީސް ތަކާއި ޓެކްނީކްސްތަކުގެ އިތުރުން ޗެލެންޖަސްތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މައުލޫމާތު ދީފައެވެ.

ކޯވިޑް-19 އާ ގުޅިގެން ލޮކްޑައުންކޮށްފައިވާ ދުވަސްތަކުގެ ތެރޭގައިވެސް މިހާތަނަށް 10 ސެޝަނެއް ވާޗުއަލް/ އޮންލައިންކޮށް ހިންގާފައިވާކަމަށާއި މިސެޝަންތައް ޚާއްސަކުރީ މިދުވަސްވަރަށް ޚާއްސަ ތަފާތު ދާއިރާތަކަށް ކަމަށް މާޕުން މަޢުލޫމާތުދެއެވެ.

މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތު ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. އެގޮތުން ޖަމިއްޔާ އުފެދުނުތާ ދެ އަހަރު ވެފައިވާއިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ.

މާޕުން ވަނީ ސަދަރން ކޮމިއުނިޓީ އެންޕަވަމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ލީޑަޝިޕް އެންޑް ގްރޯތް ސަމިޓެއް މިއަހަރުގެ ނޮވެމްބަރ މަހު ބޭއްވުމަށް ކަނޑައަޅާފައެވެ. މާޕުން ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯވެސް މިއަހަރުގެ ނޮވެމްބަރ މަހަށް ލަސްކުރެވިފައިވާ ކަމަށް މާޕުން މަޢުލޫމާތުދެއެވެ.