ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރުދީ ބައެއް ޖަމިއްޔާތަކުން ވާހަކަ ދައްކަމުންދާތީ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި ރާއްޖޭގެ އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް، ރަޖިސްޓްރީކޮށް ހިންގަމުންދާ ބައެއް ޖަމްޢިއްޔާތަކުން ސޯޝަލް މީޑިއާއާއި އަދި އެހެނިހެން ޕްލެޓްފޯމްތަކުގައި ދައްކަމުންދާ ވާހަކަތަކާއި މެދު މިމިނިސްޓްރީއިން ނިހާޔަތަށް ކަންބޮޑުވާކަމަށެވެ.
އެމިނިސްޓްރީން ވިދާޅުވީ، މުޖުތަމަޢުގައި ހުންނަ ނޭދެވޭ ކަންތައްތަކާއި ރަނގަޅު ކުރަންޖެހޭ ކަންކަން އިސްލާޙު ކުރުމަށް، އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ އިމުގެ ތެރެއިން، އެ ހައްގުގެ ބޭނުންކޮށްގެން ހިންގާ ހަރަކާތްތަކަށާއި، ދައްކާ ވާހަކަތަކަށް އެ މިނިސްޓްރީއިން އަބަދުވެސް މަރުޙަބާ ކިޔާކަމަށެވެ. އަދި އިސްލާޙު ކުރަންޖެހޭ ކަންކަން ފާހަގަކޮށް، އެކަންތައްތަކާއި މެދު ވާހަކަ ދެކެވުމަކީ ހަރުދަނާ ޑިމޮކްރެޓިކް މުޖުތަމަޢުއެއް ބިނާ ކުރުމުގައި މުހިންމު ކަމެއް ކަމުގައިވެސް މިމިނިސްޓްރީއިން ދެކޭކަމުގައިވެސް އެމިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އާންމު މަސްލަހަތަށް އުނިކަން އަންނާނެ ފަދަ ހަރަކާތްތަކަށާއި ރޭވިގެން ހިންގާ ކުށުގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ޖަމްޢިއްޔާ ޖަމާޢަތްތަކުން ފަތުރާ ވާހަކަތަކާއި ހިންގާ ހަރަކާތްތަކަކީ ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނީ އިމުގެ ބޭރުން ހިނގާ ކަންތައްތަކެއް ކަމުގައި ދެކޭ ކަަމަށްވެސް ޔޫތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމްޢިއްޔާ ޖަމާޢަތްތަކުން، ގައުމީ ސަލާމަތާއި ރާއްޖޭގެ އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ކަންކަން ނުކުރުމަށް ޔޫތު މިނިސްޓްރީގެ ބަޔާނުގައި ވަނީ އިލްތިމާސްކުރައްވާފައެވެ.
ބިދޭސީންނާއި މެދު ހިންގޭ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ވާހަދައްކާ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ، މުޒާހަރާކޮށް ހަމަނުޖެހުން ހިންގި ބިދޭސީންގެ ދިފާއުގައި ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކަން ފަށާފައެވެ. އެހެން ނަމަވެސް ޔޫތު މިނިސްޓްރީގެ ބަޔާނުގައި ސީދާ އެވާހަކަތައް ގެނެސްފައެއް ނުވެއެވެ.