ޚަބަރު

އެއްވުންތައް ބޭއްވޭނީ ކާނިވާ ސަރަހައްދުގައި - ހޯމް މިނިސްޓްރީ


މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބާއްވާނަމަ އެ އެއްވުން ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނިކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ވެރިރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅާފައިވާކަމަށެވެ. އެހެންކަމުން މިކަން ހުރިހާ ފަރާތަކުގެ ސަމާލުކަމަށް ގެންނަކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

ފުލުހުންގެ ހުއްދަނެތި އެއްވުންތައް ކާނިވާ ސަރަހައްދުގައި ބޭއްވޭ ގޮތަށް ކަނޑައަޅާ ރައްޔިތުން މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންގެ ވޯޓާއިއެކު ފާސްކޮށް ޤާނޫނަށް ބަދަލުގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައެވެ. މި ނިންމުމާއިއެކު އެ ނިންމުމަކީ ޤާނޫނު އަސާސީއާއި ހިލާފު ނިންމުމެއްކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ.

ފުލުހުން ލިޔުމުން ދޭ ހުއްދަ ފިޔަވާ މާލޭގައި އެއްވުންތައް ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ކަނޑައަޅާފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެއްވެ އުޅުމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ދަށުންނެވެ. މިއީ އޭރު ޕީޕީއެމްގެ މަޖިލިސް މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އިސްލާހެކެވެ. އެ އިސްލާހު ފާސްވީ ޔާމީން ސަރުކާރަށް ތާއީދު ކުރި މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.

ކޯވިޑްގެ ފުރަބަންދަށް ލުއިތަން ދިން ފަހުން މާލެެތެރޭގައި އަންނަނީ ބައެެއް އެއްވުންތައް ބާއްވަމުންނެވެ. މިގޮތުން ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާތަކާއި ދެކޮޅަށް ބައެއް އެއްވުންތައް ބާއްވާފައިވެއެވެ. އަދި މީޑިއާތަކަށް ހުރަސް އަޅާކަމަށް ބުނެ އިދިކޮޅު ކޯލިޝަނުންވެސް އިއްޔެ ވަނީ މާލޭގައި އެއްވުމެއް ބާއްވާފައެވެ.