ސިޔާސީ

ބިމާބެހޭ ޤާނޫނަށް ހުށައެޅުނު އިސްލާހު މަޖިލީހުން ފާސްކޮށްފި


600 އަކަފޫޓަށްވުރެ ކުދިބިންތައްވެސް ރަޖިސްޓްރީ ކުރެވޭގޮތަށް ބިމާބެހޭ ޤާނޫނަށް ހުށައެޅުނު އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.ޤާނޫނު ނަމްބަރ 1/2002 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށައެޅުވި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.ބިމާބެހޭ ޤާނޫނަށް ހުށައެޅުއްވި އިސްލާހާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި  މެންބަރުން ވާހަކަފުޅުދައްކަވަމުން މި އިސްލާހަކީ އެތައްގޮތަކުން ރައްޔިތުންނަށް ފައިދާ ލިބިގެންދާނެ އިސްލާހެއްކަން ފާހަގަކުރެއްވިއެވެ. މިގޮތުން ލޯނު ނެގުމަށާއި ރަހުނުކުރުމުގެ މުއާމަލާތްތަކަށްވެސް ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.މީގެ އިތުރުން ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ބިލުގެ އިބްތިދާއީ ބަހުސްވެސް ވަނީ  ކުރިޔަށް ގެންދަވާފައެވެ. އަދި އެ ބިލް މަޖިލީހަށް ބަލައިގަނެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވުމަށް ވެސް ވަނީ ފާސްކޮށްފައެވެ.މިއަދުގެ ޖަލްސާ ފެށުމަށްފަހު  ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ދިގު މުއްދަތެއްވަންދެން ކުރެއްވި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް އަބްދުﷲ ހަމީދުގެ ހަނދާނުގައި ވަނީ ސުކޫތެއްވެސް ގެންނަވާފައެވެ.