ވިޔަފާރި

ސިންގަޕޫރުގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް


ސިންގަޕޫރުގެ އިޤްތިޞާދީ ދުވެލި މިފަހުން ދަށަށް ނުދާ މިންވަރަށް ދަށަށް ހިނގައްޖެއެވެ.

ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ސިންގަޕޫރުގެ އިޤްތީޞާދީ ދުވެލި ވަނީ 41.2 އިންސައްތަ ދަށަށް ގޮސްފައެވެ. މިއީ 1965 ވަނަ އަހަރު އެޤައުމަށް މިނިވަންކަން ލިބުނުފަހުން އެޤައުމުގެ އިޤްތިޞާދީ މިހާބޮޑަށް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. އެހެން ޤައުމުތަކެކޭ އެއްގޮތަށް ސިންގަޕޫރުގެ އިޤްތިޞާދުވެސް ދަށަށް ގޮސްފައިވަނީ ކޯވިޑްގެ ސަބަބުން އިޤްތިޞާދީ ހަރަކާތްކަށް ކުރިމަތިވި ހީނަރުކަމުންނެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން އޭޝިޔާގެ އެހެން ޤައުމުތަކަށްވުރެ ސިންގަޕޫރުގެ އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަން ބޮޑެވެ. އެގޮތުން ޖަޕާނުގެ އިޤްތިޞާދީ ދުވެލި ދަށްވި މިންވަރަށްވުރެ ސިންގަޕޫރުގެ އިޤްތިޞާދީ ދުވެލި މަޑުޖެހުނު މިންވަރު އިތުރެވެ. އަދި ޗައިނާގެ އިޤްތިޞާދު ވަނީ އަލުން ކުރިއަރަން ފަށާފައެވެ.

ސިންގަޕޫރުގެ އިޤްތިޞާދަށް އަންނަ ހީނަރުކަމުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެޤައުމުން ވަނީ 67 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ތަޢާރަފްކޮށްފައެވެ. އަދި ލޮކްޑައުނަށް ލުއިދީ، ވިޔަފާރިތައް އަލުން ހުޅުވުމަށް ވަނީ ހުއްދަދީފައެވެ.