ޚަބަރު

މާފަރު އެއާޕޯޓުގައި ޤާއިމް ކުރި ކޮވިޑް ޓެސްޓް ސެންޓަރު ހުޅުވައިފި


ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި މާފަރު އެއާޕޯޓުގައި ހެދި ކޮވިޑް ޓެސްޓް ސެންޓަރު ހުޅުވައިފިއެވެ.

އިއްޔެ މިސެންޓަރު ހުޅުއްވައިދެއްވީ، ހެލްތު މިނިސްޓަރ އަބުދުﷲ އަމީނާއި އޭޑީކޭ ހޮސްޕިޓަލްގެ ސީއީއޯ އަހުމަދު ނާޝިދެވެ. މިސެންޓަރު ހުޅުވުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ވާޗުއަލްކޮށްވެސް ގިނަ ބޭފުޅުންތަކެއް ބައިވެރިކުރައްވައިގެންނެވެ.

މާފަރު އެއާޕޯޓުގައި ހުޅުވި، މިކޯވިޑް-19 ޓެސްޓިންގ ސެންޓަރަކީ، ސޮނޭވާ ރިސޯޓް ހިންގާ ސޮނޭވާ ގްރޫޕުން ޤާއިމްކޮށްދީފައިވާ ސެންޓަރެކެވެ. މިސެންޓަރު ހުޅުުވުމުގެ ރަސްމިއްޔާތުގައި، ސޮނެވާ ރިސޯޓްސްގެ ބާނީ، ސީއީއޯ ސޯނޫ ސިވްދާސަނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާފަރު އެއާޕޯޓުގައި ޤާއިމް ކުރި މި ކޯވިޑް ޓެސްޓް ސެންޓަރު ހެދުމުގެ ހުރިހާ ޚަރަދެއްކޮށްފައި ސޮނޭވާ ގުރޫޕުންނެވެ، އަދި އެތަން ތައްޔާރުކުރުމާއި ހިންގައި ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރާނީ، އޭޑީކޭ ހޮސްޕިޓަލުންނެވެ.

މާފަރު އެއަރޕޯޓުގައި ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޤާއިމުކޮށްފައިވާ ލެބޯޓްރީގައި ބޭނުން ކުރުމަށް ގެންގޮސްފައިވަނީ އޭ.ޑީ.ކޭ ހޮސްޕިޓަލުގައި މިހާރުވެސް ސާމްޕަލް ޓެސްޓްކުރުމަށް ބޭނުންކުރާ ޕޮލިމަރައިޒް ޗެއިން ރިއެކްޝަން، ޕީ.ސީ.އާރް ލައިޓް ސައިކްލަރ ނައިން ސިކްސްގެ މެޝިނެކެވެ.

މާފަރު އިންޓަރނޭޝަަނަލް އެއާޕޯޓަށް މިހާރުވެސް އަންނަނީ އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރަމުންނެވެ.

މާދަމާ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު، ރާއްޖެއަންނަ ފަތުރުވެރިން ކޯވިޑް-19އަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުންވެސް ވަނީ ނިންމަވާފައެވެ.