ވިޔަފާރި

ޗައިނާގެ އިމްޕޯޓް އަދި އެކްސްޕޯޓްވެސް މައްޗަށް


މިދިޔަމަހު ޗައިނާއިން މުދާ އެކްސްޕޯޓްކޮށް، އިމްޕޯޓްކުރި މިންވަރު އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޗައިނާގެ ކަމަބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބައެއް ޤައުމުތަކުގެ ބޯޑަރުތައް ހުޅުވާލުމުގެ ސަބަބުން ޗައިނާގެ އިޤްތިޞާދީ ހަރަކާތްތައް ވަނީ އިތުރުވެފައެވެ.

ޗައިނާގެ ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖޫންމަހާއި އަޅާބަލާއިރު މިއަހަރުގެ ޖޫންމަހު ޗައިނާގެ އެކްސްޕޯޓް ވަނީ 0.5 އިންސައްތަ އިތުރުވެފައެވެ. ދިރާސާކުރާ ފަރާތްތަކުން ކުރިން ލަފާކުރީ މޭމަހު ޗައިނާގެ އެކްސްޕޯޓް 3.3 އިންސައްތަ ދަށަށް ދިއުމުން، ޖޫންމަހުވެސް އެކްސްޕޯޓް 1.5 އިންސައްތަ ދަށަށްދާނެކަމަށެވެ.

ކުރިން ލަފާކުރި ގޮތާއި ޚިލާފަށް ޗައިނާގެ އެކްސްޕޯޓް މައްޗަށް ގޮސްފައިވާއިރު، މިދިޔަމަހުގެ އިމްޕޯޓްވެސް ވަނީ 2.7 އިންސައްތަ މައްޗަށް ގޮސްފައެވެ. އޭގެ ކުރީމަހު ޗައިނާގެ އިމްޕޯޓް ވަނީ 16.7 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ދިރާސާކުރާ ފަރާތްތަކުން ކުރިން ލަފާކުރީ މިދިޔަމަހު ޗައިނާގެ އެކްސްޕޯޓް 10 އިންސައްތަ ދަށަށްދާނެކަމަށެވެ.

ޗައިނާގެ އެކްސްޕޯޓާއި އިމްޕޯޓް މައްޗަށް ގޮސްފައިވާއިރު، އެކްސްޕޯޓްގެ ބޮޑު ބައެއް ހިއްސާކުރީ ކޯވިޑްއާ ގުޅިގެން އެކްސްޕޯޓްކުރި ޕީޕީއީ އާއި މާސްކުފަދަ ތަކެތިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްޞާދުކަމަށްވާ ޗައިނާގެ އިޤްތިޞާދު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 6.8 އިންސައްތަ ދަށަށް ދިއުމަށްފަހު، މަޑުމަޑުން އެޤައުމުގެ އިޤްތިޞާދު ހަމައަކަށް އެޅެމުންދާކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް ކޯވިޑްގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެޤައުމުގެ އިޤްތިޞާދު އޮތީ އަދިވެސް ނާޒުކު ފައްތަރެއްގައެވެ.