ޚަބަރު

ރާއްޖޭގައި ތިބި 13500 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ފޮނުވާލެވިފައި: އިމިގްރޭޝަން


ކޯވިޑް-19އާއި ގުޅިގެން މިހާތަނަށް ރާއްޖޭގައި ތިބި ބިދޭސީންގެތެރެއިން ތޭރަހާސް ފައްސަތޭކައަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ.

އިމިގްރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބިދޭސީންގެ ތެރޭގައި ތިބި ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރަމުން އަންނަ މީހުންނާއި ޤަވާއިދާ އެއްގޮތަށް ތިބި މީހުންގެ ތެރެއިން ކޯވިޑް-19އާއި ގުޅިގެން އަނބުރާ ޤައުމަށްދާން ބޭނުންވާ ގިނަ ބަޔަކު މިހާރުވަނީ ފޮނުވާލެވިފައެވެ.

އިމިގްރޭޝަނުން ޕީއެސްއެމް ނިއުސްއަށް ހިއްސާކުރި، ތަފާސް ހިސާބަށް ބަލާއިރު މިހާތަނަށް ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި ތިބި ބިދޭސީން ފޮނުވާލުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި ޖުމުލަ 13532 މީހުން ވަނީ ފޮނުވާލެވިފައެވެ. އޭގެތެރޭގައި ބަންގްލާދޭޝްއަށް ނިސްބަތްވާ 5014 މީހުންނާއި އިންޑިއާގެ 5026 މީހުން ހިމެނެއެވެ.

މީގެ އިތުރުން ސްރީލަންކާގެ 1393 މީހަކާއި އިންޑޮނޭޝިއާގެ 809 މީހަކާއި ފިލިޕިންސްގެ 336 މީހަކާއި ތައިލެންޑުގެ 350 މީހެއްގެ އިތުރުން ނޭޕަލުގެ 604 ރައްޔިތުން ވަނީ މިހާތަނަށް ފޮނުވާލާފައެވެ. މީގެތެރޭގައި ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދިޔަ މީހުންނާއި ކޯވިޑް-19ގެ ސަބަބުން އަނބުރާ އަމިއްލަ ޤައުމަށް ދާން ބޭނުންވެގެން ދިވެހި ސަރުކާރުގައި އެދުނު ފަރާތްތައް ހިމެނޭކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުގައި ޢިއުލާންކުރި ފުރަބަންދާއެކު ވައިގެ އުދުހުންތައް ހުއްޓާލުމާއި ގުޅިގެން ރާއްޖޭގައި ތާށިވެފައިތިބި އެކި ޤައުމުތަކަށް ނިސްބަތްވާ ފަތުރުވެރިން ފޮނުވުމުގެ މަސައްކަތްވެސް ސަރުކާރުންވަނީ އެޤައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން ވަނީ ކުރިޔަށް ގެންދަވާފައެވެ. އެގޮތުން އޭޝިއާގެ އެކި ޤައުމުތަކަށް ނިސްބަތްވާ 15775 ފަތުރުވެރިއަކު މިދިޔަ ޖޫން މަހުގެ ނިޔަލަށް ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މީގެ އިތުރުން އެފްރިކާއަށް ނިސްބަތްވާ 41 މީހަކާއި ޔޫރަޕްގެ ޤައުމުތަކަށް ނިސްބަތްވާ 2091 މީހަކު ޤައުމަށް ފޮނުވާދީފައިވާކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއާއެކު ފަތުރުވެރިންގެ ގޮތުގައި ތިބި 17951 މީހަކު އެމީހުންގެ ޤައުމަށް ވަނީ ފޮނުވާފައެވެ.

ރާއްޖޭގައި ތިބި ބިދޭސީން ފޮނުވުމުގެ މަސައްކަތް ކުރައްވަމުންގެން ވަނީ ސަރުކާރުގެ މުވައްސަސާތައް ގުޅިގެންނެވެ. އެގޮތުން މޯލްޑިވްސް އިމިގްރޭޝަނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ އިތުރުންވެސް ކަމާ ގުޅުންހުރި އެހެން އިދާރާތައް ގުޅިގެން އަންނަނީ ބިދޭސީން ފޮނުވުމުގެ މަސައްކަތްކުރައްވަމުނެނެވެ.

ކޯވިޑް-19ގެ ސަބަބުން ޤައުމުތަކުގައި ތާށިވެފައި ތިބި މީހުން އެމީހުންގެ ޤައުމަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުތައް ގުޅިގެން އަންނަނީ ކުރައްވަމުންނެވެ. މިގޮތުން ރާއްޖެއިން ބޭރުގައި ބޭސްފަރުވާއަށާއި މަތީތަޢުލީމު ޙާސިލުކުރުމަށާއި އެހެނިހެން ބޭނުންތަކުގައި ބޭރުގައި ތިބި ދިވެހިންވެސް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރައްވާފައެވެ.

އެގޮތުން މިހާތަނަށް ހަތަރު ހާހަށްވުރެ ގިނަ ދިވެހިން ވަނީ ގެނެސްފައެވެ. އެގޮތުން ޤައުމީ އެއަރލައިން މޯލްޑިވިއަންއާއި ބޭރުގެ އެކި ޤައުމުތަކުން ރާއްޖެއަށް ކުއްލި ޙާލަތުގައި އައި ފްލައިޓުތަކުގައިވެސް ދިވެހިން ގެނައުމުގެ އިންތިޒާމުތައް ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ.