ވޯލްޑް ސްޕާ އެވޯޑްސްގައި ހޮވާާާާާ އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ސްޕާތަކުގެ އެވޯޑަށް ރާއްޖޭގެ 13 ރިސޯޓެއް ނޮމިނޭޓްވެއްޖެއެވެ.
މިއީ ވޯލްޑް ސްޕާ އެވޯޑްސްގެ ކެޓަގަރީތަކަށް ރާއްޖޭގެ ރިސޯޓްތަކުން ވާދަކުރާ 6 ވަނަ އަހަރެވެ. މީގެކުރިން ރާއްޖެ ވޯލްޑް ސްޕާ އެވޯޑްސް ކެޓަގަރީތަކަށް ވާދަކޮށް، ގިނަ ވަނަތަކެއް ވަނީ ހާސިލްކޮށްފައެވެ.
ވޯލްޑް ސްޕާ އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަކި ހިދުމަތްދޭ ތަންތަނުގެ ގޮތުގައި ނުވަތަ ރިސޯޓް، ހޮޓާތަކުގައި ސްޕާ ހިންގާ ބްރޭންޑްތަކުން ދޭ ހިދުމަތް ދެނެގަނެ، މިފަދަ ފަރާތްތަކުންދޭ ހިދުމަތްތައް ގިންތިކޮށް، އެންމެ ރަގަނޅު ތަންތަނުގެ އަގުވަޒަން ކުރުމަށް ދެވޭ އެވޯޑެކެވެ.
މިއެވޯޑުގެ މަޤްސަދަކީ ވާދަވެރި ގޮތެއްގައި ސްޕާތައް ތަރައްޤީކޮށް، މިތަންތަނުގެ ހިދުމަތްތައް ބައްޓަންކޮށް، ފާހަގަކުރެވޭ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ. މިއެވޯޑަށް ވާދަކޮށް، އެވޯޑް ހާސިލްކުރުމަކީ ސްޕާ ހިދުމަތްދޭ ތަންތަނަށް ލިބޭ ޝަރަފެއްގެ ގޮތުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ބަލައިގަނެއެވެ.
ރާއްޖެއިން ގިނަ އަހަރުތަކެއްގައި މިއެވޯޑުގެ އިންޑިއަން އޯޝަން ބެސްޓް ސްޕާ ޑެސްޓިނޭޝަންގެ އެކި ކެޓަގަރީތަކަށް ވަނީ ވާދަކޮށްފައެވެ. އަދި އެކި ފަހަރު މަތިން ގިނަ ކެޓަގަރީތަކަކުން ވަނީ އެވޯޑް ހޯދާފައެވެ.
6 ވަނަ ވޯލްޑް ސްޕާ އެވޯޑްސް އިންޑިއަން އޯޝަން ބެސްޓް ސްޕާ ޑެސްޓިނޭޝަން އެވޯޑަށް ރާއްޖެއިން ވާދަކުރާ 13 ރިސޯޓަކީ،
-އަނަންތަރާ ދިގު މޯލްޑިވްސް ރިޒޯޓް
-އަންނަންތަރާ ކިހަވަށް މޯލްޑިވްސް ވިލާސް
-ކާމް ސްޕާ އެޓް ޖޭއޭ މަނަފަރު
-ކޮކޯ ސްޕާ، ކޮކޯ ބޮޑުހިތި
-ޑްރިފްޓް ސްޕާ އެޓް ނިޔާމަ އައިލެންޑްސް މޯލްޑިވްސް
-ހެވަންލީ ސްޕާ އެޓް ވެސްޓިން މޯލްޑިވްސް މިރިއަންދޫ
-އިރިދިއަމް ސްޕާ އެޓް ދަ ސެއިންޓް ރީޖަސް މ÷ޯލްޑިވްސް ވޮއްމުލި ރިޒޯޓް
-ޖިވާ ގްރާންޑް ސްޕާ އެޓް ތާޖް އެގްޒޯޓިކާ ރިޒޯޓް އެންޑް ސްޕާ މޯލްޑިވްސް
-ކޮކާ ސްޕާ އެޓް ކަނުހުރާ
-ޓެލީސް ސްޕާ އެޓް ޖުމެއިރާ ވިޓާވެލި
-ދަ ސްޕާ އެޓް ކޮންެރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް
-ދަ ސްޕާ އެޓް ވެލާ ޕްރައިވެޓް އައިލެންޑް
-ދަ ސްޕާ ބަަަަައި ތަލްގޯ އެޓް ސަން ސިޔާމް އިރު ފުށި
ވޯލްޑް ސްޕާ އެވޯޑްސް 2020 ވާދަކުރާ ރިސޯޓްތަކަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލާފައެވެ. ވޯލްޑް ސްޕާ އެވޯޑްސްގެ ވެބްސައިޓުން ވޯޓު ދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އަންނަ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިއެވޯޑަށް ވޯޓްލެވޭނެއެވެ.
ރާއްޖޭގެ ގިނަ ސްޕާތަކަކީ ހިތްޤާއިމު މަންޒަރުތައް ފެންނަ ގޮތަށް ހަދާފައިވާ ސްޕާތަކަށްވާއިރު ރާއްޖެއަކީ މޫދު އަޑީގެ ސްޕާތައްވެސް އެންމެ ފުރަތަމަ ތައާރަފްކުރި ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. ހިތްގައިމު މަންޒަރުތަކުގެ އިތުރުން ރާއްޖޭގައި ހިންގާ ސްޕާ ބްރޭންޑުތަކަކީވެސް ދުނިޔޭގެ ފެންވަރުގައި ނަން މަޝްހޫރު ބްރޭންޑުތަކެވެ.