އިންޑިއާގައި އިންޓަނެޓަކީ އަގުހެޔޮ އަދި ގިނަ ބަޔަކަށް ބޭނުންކުރެވޭ އެއްޗަކަށް ހެދުމަށް ގޫގުލްއިން އެޤައުމުގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ނިންމައިފިއެވެ.
ގޫގުލްއިން އިންޑިއާގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމިކަން އިޢުލާންކުރީ "ގޫގުލް ފޯރ އިންޑިއާ" ނަމުގައި ބޭއްވި ޚާއްސަ ހަރަކާތެއްގައި ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީއެވެ.
ގޫގުލްގެ ސީއީއޯ ޕިޗާއީ ވިދާޅުވީ އިންޑިއާ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ފުރިހަމަވެފައިނުވާއިރު، އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި އިންޑިއާގައި އިންޓަނެޓްގެ އަގުހެޔޮކޮށް، ބިލިއަނަކަށް ވުރެ ގިނަ މީހުން އުޅޭ އިންޑިއާގެ ގިނަ ބަޔަކަށް ބޭނުންކުރެވޭ އެއްޗަކަށް އިންޓަނެޓް ހެދުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވޮއިސް އިންޕުޓްއާއި އިންޑިއާ މީހުން ވާހަކަދައްކާ އެކި ބަސްތައް ކޮމްޕިއުޓްކުރުމުގެ މަސައްކަތް ތަރައްޤީކުރަންޖެހޭކަމަށް ގޫގުލްގެ ސީއީއޯ ވިދާޅުވިއެވެ. މީގެ ސަބަބުން އަލަށް ވިޔަފާރިތަކަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގޫގުލްއިން އިންޑިއާގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކުރާއިރު، ކުރިއަށްއޮތް 5 އަހަރާއި 7 އަހަރު ތެރޭގައި އެޤައުމުގެ ޓެކްނޮލޮޖީ ސިނާޢަތަށް އެކި އެކި އިންވެސްޓްމަންޓްތައް ގެންދާނެއެވެ. އޭގެތެރޭގައި އިންފްރާސްޓްރަކްޗަރ، އިކުއިޓީ އިންވެސްޓްމަންޓް އަދި ޕާޓްނަރޝިޕްތައް ހިމެނޭނެއެވެ.
ގޫގުލްގެ އިންވެސްޓްމަންޓްގެ ތެރެއިން އިންޓަނެޓް މެދުވެރިކޮށް އިންޑިއާގައި ވާހަކަދައްކާ އެކިއެކި ބަސްތައް ޑިޖިޓަލައިޒްކޮށް، ވިޔަފާރިތައްވެސް ޑިޖިޓަލައިޒްކުރުމަށް އެހީތެރިވާނެއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޞިއްހީ ދާއިރާ، ދަނޑުވެރިކަން އަދި ތައުލީމީ ދާއިރާވެސް ކުރިއެރުވުމަށްވެސް މިއިންވެސްޓްމަންޓްތަކުން މަސައްކަތްކުރާނެއެވެ.
ގޫގުލްއިން އިންޑިއާގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާއިރު، އިންޑިއާއަކީ އެންމެ ބާރަށް ކުރިއަރަމުން އަންނަ އިންޓަނެޓް މާކެޓެވެ. އެގޮތުން އެޤައުމުގައި 700 މިލިއަން މީހުން އިންޓަނެޓް ބޭނުންކުރެއެވެ. އެހެންކަމުން އޭގެ ފައިދާ ނެގުމަށް ގޫގުލްގެ އިތުރުން ފޭސްބުކް، ނެޓްފްލިކްސް، ޓްވިޓަރއިންވެސް ވަނީ މިދިޔަ އަހަރުތަކުގެ ތެރޭގައި އެތައް ބިލިއަން ޑޮލަރެއް އިންޑިއާގައި އިންވެސްޓްކޮށްފައެވެ. އަދި ކުރިއަށް އޮތްތާނގައި އިތުރު ކުންފުނިތަކުންވެސް އިންޑިއާގެ ޑިޖިޓަލް މާކެޓަށް އިންވެސްޓްކުރުމަށް ތައްޔާރުވަމުންދާކަމަށް ޚަބަރުތައް ބުނެއެވެ.