ޚަބަރު

ގަޑިޖެހޭ މެމްބަރުންގެ މުސާރައިން ކެނޑޭގޮތަށް ޤަވާއިދަށް ބަދަލުގެންނަނީ


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ގަޑިއަށް ހާޒިރުނުވާ މައްސަލައިގަ ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެގެ ޤަވާއިދަށް ބަދަލު ގެނެސް ގަޑިޖެހޭ މެމްބަރުންގެ މުސާރައިން ކެނޑޭގޮތަށް ޤަވާއިދު ބަދަލުކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ގަޑިއަށް ހަމަނުވެ، ގަޑިއަށް ވަޑައިގެންނެވި މެމްބަރުން މަދުވުމާއި ގުޅިގެން ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މެމްބަރުން މަޖިލީހަށް އިންތިޚާބުވެ ހުވާ ކުރައްވައިގެން ތިއްބެވީ ޒިންމާތަކެއް އަދާކުރެއްވުމަށް ކަމަށެވެ. މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުން ޖަލްސާތަކަށް ވަޑައިގަންނަވާއިރު ސޮއިކުރުމާއިއެކީ ވަޑައިގަންނަވާ ގަޑިވެސް ނޯޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައެވެ.

މިއާއެކީ މަޖިލީހުގެ ޖަލްސާތަކަށް ގަޑިޖެހިގެން ވަޑައިގަންނަވާ މެމްބަރުންގެ މުސަރައިން ކެނޑޭގޮތަށް މަޖިލީހުގެ ޤަވާއިދަށް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ. މަޖިލީހުގެ މަސައްކަތް ކުރިއަށްދާނީ މެމްބަރުން ގަޑިއަށް ހާޒިރުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެންނެވުމުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"ޤަވާއިދު ކޮމިޓީގައި އަޅުގަނޑު އެބައެދެން މަޖިލީހުގެ ޤަވާއިދަށް ކުޑަބަދަލެއް ގެނެސް ދެއްވުމަށް. މަޖިލިސްގެ މަސައްކަތް ފަށާ ގަޑިއަކީ ހެދުނު 8:30. ޖަލްސާ ގަޑިއަކީ 9:00. އިއްޒަތްތެރި މެމްބަރުން މަޖިލީހަށް ވަޑައިގެން ގަޑި ޖެއްސެވުން އެއީ ކުރަންޖެހިފައިވާކަމެއް. މިހާރު ވަޑައިގެން ސޮއިކުރައްވާގޮތަށް، ފޮތުގައި އެއްކޮލަމް އަޅުގަނޑު އިތުރުކޮށްދޭނަން ގަޑި ޖެއްސެވުމަށް. އަޅުގަނޑު ދެކޭގޮތުގައި މުސާރައާއި، ގަޑިއާއި ގުޅުންއޮންނާނެ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުންނަށް މުސާރައިގެ ގޮތުގައި 82،000 ރުފިޔާ ލިބުނު ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މުސާރަ ކުޑަކުރުމަށް ނިންމި ނިންމުމާއެކު މެމްބަރުންގެ މުސާރަވެސްވަނީ ކުޑަކޮށްފައެވެ. އެގޮތުން މިހާރު ކޮމިޓީ އެލަވަންސްތަކާއެކު މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ 69،750 ރުފިޔާއެވެ.