ޚަބަރު

ރިޔާސީ ދެ ކޮމިޝަންވެސް ފެއިލްވެއްޖެ، ޤާނޫނާއެކީ ކޮމިޝަންތައް އުވާލަންޖެހޭ


ރިޔާސީ ކޮމިޝަންގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނާއި، ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް އެކުލަވާލި ދެކޮމިޝަންވެސް ފެއިލްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ޤާނޫނުގެ ދަށުން ޤާނޫނީ ބާރުތަކާއި އިޚްތިޔާރުތަކާއެކު އުފެއްދި 2 ކޮމިޝަންގެ މަސައްކަތެއް ނުފެންނަކަމަށެވެ. މިއަދު އެކޮމިޝަންތައް އޮތުމުގެ ބޭނުމެއް ނުފެންނަކަމަށާއި، ޤާނޫނާއި، ކޮމިޝަންތައްވެސް އުވާލުމަކީ އެންމެ ރަނގަޅުގޮތްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"މަރުތަކާއިބެހޭ ކޮމިޝަން އުފައްދާފައިއެވަނީ ޤާނޫނު ނަންބަރު 2018/4 ރިޔާސީ ކޮމިޝަންގެ ޤާނޫނު ދަށުން. އެޤާނޫނުގެ ދަށުން ދެކޮމިޝަނެއް ވަނީ އުފެއްދިފަ. އެ ދެކޮމިޝަންގެ މަސައްކަތްވެސް ކުރެވުނުކަމަށް ދަންނަވަން އަޅުގަނޑަށްދަތި. އެއްގޮތަކީ މިޤާނޫނުވެސް އުވާލުން. އަދި ކޮމިޝަންވެސް އުވާލުން. އަޅުގަނޑުގެ ހިތަކަށް މިހާރު ނުވަދޭ އެދެ ކޮމިޝަން އޮތުމުގެ ބޭނުމެއް އޮތްކަމަކަށް" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނާއި، ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް އެކުލަވާފައިވާ ކޮމިޝަނަށް އެކަށީގެންވާ މަސައްކަތްތައް ނުކުރެވިފައިވުމުން މިހާލަތުގައި އެންމެ ރަނގަޅުގޮތަކީ ދައުލަތަށް ޚަރަދުކުޑަކުރުމަށްވެސް މި ކޮމިޝަންތައް އުވާލުންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން 27 މައްސަލައެއް ބަލާފައިވެއެވެ. ކޮމިޝަނުން ވަނީ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރުގެ މައްސަލައާއި، ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ އިތުރުން ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ރިޕޯޓް ރައީސްއަށް އަރުވާފައެވެ. ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަބަލާ ކޮމިޝަން އެކުލަވާލާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ މިހާތަނަށް ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ފައިސާގެ ޚިޔާނާތުގެ މައްސަލަބަލައި ރިޕޯޓެއްވެސް އެކުލަވާލާފައެވެ.

މަރުގެ މައްސަލަތަކާއި، އެސެޓްރިކަވަރީ ކޮމިޝަންގެ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަން އުވާލުމަށް މަޖިލީހުގެ ރައީސް ގޮވާލައްވާފައިވަނީ މައްސަލަތައް ނުހިނގައި، ތުހުމަތުކުރެވޭ މީހުންނަށް ދައުވާ ކުރެވިފައިނުވާތީ ކަމަށް މަޖިލީހުގެ ރައީސްވަނީ މީގެކުރިން މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.