ޚަބަރު

ބިދޭސީންގެ މައްސަލާގައި ޤައުމީ ސަލާމަތާބެހޭ ކައުންސިލާ ރައީސް ބައްދަލުކުރައްވައިފި


ފަހަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން ނޭޝަނަލް ސެކިއުރިޓީ ކައުންސިލް(އެންއެސްސީ)އާއި ކަމާގުޅޭ ދާއިރާތަކުގެ އިސްފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.



އެގޮތުން މިހާރަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން އެއްވުންތައް ބާއްވައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކާ ކުރިމަތިލައި، ޢާންމު ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ދާޚިލީ އަމްނާ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ބައްދަލުވުމުގެ ބައިވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވާފައެވެ.



އެހެންކަމުން ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، އެއްވެސް ފަރާތަކަށް މިފަދަ ފުރުސަތެއް ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް މިބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ.

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު، ބިދޭސީންނަށް މުސާރަ ނުދޭ މައްސަލާގައި ފަހަކަށް އައިސް ބިދޭސީން އަންނަނީ އިޙްތިޖާޖުކުރަމުންނެވެ. މިހަމަނުޖެހުންތައް ނުހުއްޓުވައިފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.