ވިޔަފާރި

ޢަރަބި ފަތުރުވެރިނަށް ރާއްޖެ ޕްރޮމޯޓުކުރުމުގެ މަސައްކަތް މާލްދީފް ގްރޫޕުން ފަށައިފި


އަރަބި ފަތުރުވެރިންގެ މެދުގައި ރާއްޖެ ޕްރޮމޯޓުކުރުމަށްޓަކައި މާލްދީފް ގުރޫޕުން ޙާއްސަ ވެބްސައިޓެއް ލޯންޗްކުރުމަށް ތައްޔާރުވެއްޖެއެވެ.

މާލްދީފް ގުރޫޕަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ އިސްވެ ހުންނަވާ ހިންގަވާ ޖަމުއިއްޔާއެކެވެ.

ރާއްޖޭގެ ފުރަތަމަ އަރަބި ވެބްސައިޓުގެ ގޮތުގައި މާލްދީފުން ވެބްސައިޓެއް ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. ވެބްސައިޓްގެ އިތުރުން ސޯޝަލް މީޑިއާގެ ހުރިހާ ވަސީލަތްތަކެއްގައިވެސް އަރަބި ޕްލެޓްފޯމް އިފްތިތާހުކުރުމަށް ވަނީ ނިންމާފައެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި ވެބްސައިޓް މިމަހުގެ 15 ވަނަ ދުވަހު ލޯންޗްކުރާނެކަމަށެވެ. މިއީ ރާއްޖެއާއި ރާއްޖޭގެ ރަށްތަކުގެ ލޯކަލް ޓޫރިޒަމާއި ރިޒޯޓްތަކާއި ޓޫރިޒަމް ޞިނާޢަތުގައި ހިމެނޭ ކަންކަން ޢަރަބިންނާ ހަމައަށް ގެންގޮސްދިނުމަށް ކުރެވޭ މަސައްކަތެއްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"މިއީ ރާއްޖެއާއި ރާއްޖޭގެ ރަށްތަކުގެ ލޯކަލްޓޫރިޒަމާއި ރިޒޯޓްތަކާއި ޓޫރިޒަމް ޞިނާޢަތުގައި ހިމެނޭ އެންމެހާ ކަމަކެއް ޢަރަބިންނާ ހަމައަށް ގެންގޮސްދިނުމަށް ކުރެވޭ ކަމެއް. ޢަރަބި ބަހުން ވާހަކަ ދައްކާ 500 މިލިއަން މީހުން އުޅޭ. އަމާޒަކީ ގިނަ ޢަދަދެއްގެ ޢަރަބިންގެ ހިތްޤާއިމު މަންޒިލަކަށް ރާއްޖެ ހަދައި ރައްޔިތުންނަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް އެހީވުން." ޑރ ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.

ޑރ ޝަހީމް ވިދާޅުވީ، މި ވެބްސައިޓްގެ އަމާޒަކީ ގިނަ ޢަދަދެއްގެ ޢަރަބިންގެ ހިތްޤާއިމު މަންޒިލަކަށް ރާއްޖެ ހެދުންކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް އެހީވުމަކީވެސް މި ވެބްސައިޓް ލޯންޗްކުރުމުގެ ބޭނުމެއްކަމަށް ޝަހީމް ވިދާޅުވިއެވެ.

އަރަބި ފަތުރުވެރިންގެ މެދުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް މި ވެބްސައިޓް ލޯންޗްކުރަނީ ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލާ ދުވަހުއެވެ. ވެބްސައިޓް ލޯންޗުކުރުމަށް ހާއްސަ އިވެންޓެއް ކުރިއަށް ގެންދާއިރު މި އިވެންޓް ފޭސްބުކް މެދުވެރިކޮށް ލައިވް ކުރާނެއެވެ.