ޚަބަރު

"ބިދޭސީންގެ މައްސަލަ ޙައްލުނުވެ ކުރިއަށްދާނަމަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ"

ބިދޭސީންގެ މައްސަލަތައް ހައްލުވެގެން ނުދާނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް އެމައްސަލަތައް ހިނގައިދާނެކަމުގެ ކަންބޮޑުވުން ފުލުހުން ފާޅުކޮށްފިއެވެ.

ފަހަކަށްއައިސް ބިދޭސީން ކުރަމުންދާ އިޙްތިޖާޖުތަކާއި ބިދޭސީންނާ ގުޅުންހުރި މައްސަލަތައް އިތުރުވާތީ އެކަމާގުޅޭގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ވިދާޅުވީ، ޞައްޙަ ލިޔެކިއުމެއް ނެތި ޤަވާއިދާ ޚިލާފަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ ޢަދަދެއްގެ ބިދޭސީން އުޅެމުން އަންނަކަމަށެވެ.

ފަހަކަށް އައިސް ބިދޭސީންގެ ހަމަނުޖެހުންތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި ބަޝީރު ވިދާޅުވީ، ބިދޭސީންނަށް މުސާރަ ނުދިނުމުގެ މައްސަލައަކީ ޒަމާނުއްސުރެ އޮތް މައްސަލައެއްކަމަށާ، ނަމަވެސް އެކަމާއި ގުޅިގެން މީގެ ކުރިން އިޙްތިޖާޖުކޮށް ހަމަނުޖެހުންތައް މިހާރު މިހިނގާ މިންވަރަށް ގޮސްފައިނުވާކަމަށެވެ. ބިދޭސީން މިހާރު ހިންގާ އިހްތިޖާޖުތަކަކަކީ ބަޔަކު ހިތްވަރުދީގެން ކުރިއަށް ގެންދާ ހަރަކާތްތަކެއްކަން ތުހުމަތުކުރައްވައި ބަޝީރު ވިދާޅުވީ، ބިދޭސީންގެ މުޒާހަރަތަކާއި ހަމަނުޖެހުންތައް އިތުރުވާނަމަ ކޮންޓްރޯލް ނުކުރެވޭ މިންވަރަކަށް ގޮސް ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްދާނެކަމަށެވެ.

"ބަޔަކު ހިތްވަރުދީގެން މިކަން މިގޮތަށް މިހިނގަނީ. މިއީ މީގެކުރިން ފެނުނު މަންޒަރުތަކެއްނޫންމިއީއެއް. މިހާ ގިނަބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާކުރުން." ބަޝީރު ވިދާޅުވިއެވެ.

ބިދޭސީންގެ ހަމަނުޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރު ވިދާޅުވީ، ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. ޚައްޞަކޮށް އިކޮނޮމިކް މިނިސްޓްރީން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި ނަޒީރު ވިދާޅުވީ، ބިދޭސީން ރެގިއުލަރައިޒްކޮށްގެން ބަލަހައްޓައިގެން ނުވަތަ ޤަވާއިދާއި ޚިލާފަށް އުޅޭ ބިޑޭސީން ފޮނުވާލައިގެންވިޔަސް މިމައްސަލަތަކަށް އަވަސް ހައްލެއް ބޭނުންވާކަމަށެވެ. ބިދޭސީންގެ މައްސަލަަތަކުގެ ގޮންޖެހުންތަކާއެކުވެސް ޤައުމުގެ ދާޚިލީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމަށް ޖާގަ ނުދެއްވާނެކަމަށް ނަޒީރު ވިދާޅުވިއެވެ.

"އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނަން. މީގެ އެންމެ އުނދަގޫ އެއްކަމަކީ އިކޮނޮމިކް މިނިސްޓަރ ފާހަގަކުރެއްވިގޮތަށް ސަރުކާރުން ކިހާވަރަކަށްތޯ ވަންނަންވީ އަމިއްލަ ވިޔަފާރީތަކުގެ ވަތްގަނޑާ ހަމައަށް. މުސާރަ ނުދިނުން އެންމެ އުނދަގޫ މައްސަލައަކަށް މިއޮތީ." ނަޒީރު ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވީ، ބިދޭސީންގެ މައްސަލަ ބޮޑުވެގެން ދިޔައީ މީގެ ކުރިން ބިދޭސީންގެ މޮނިޓަރިންގެ ނިޒާމަކަށް ވިސްނާފައިނެތުމުގެ ސަބަބުންކަމަށެވެ. އަދި މިކަމުގައި އިމޮގްރޭޝަނަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަންވެސް އިމިގްރޭޗަން ކޮންޓްރޯލަރ ފަހަގަކުރެއްވިއެވެ.

"އިމިގްރޭޝަންގައި ބިދޭސީންގެ ކަންކަން މޮނިޓަރ ކުރުމަށް އަބަދުވެސް ދަތިތަކެއް އެބަހުރި. އޭގެތެރޭގަ އެންމެ ފާހަގަކުރެވޭކަމަކީ މިކަހަލަ އަންޑޮކިއުމަންޓަޑް މީހުން މޮނިޓަރކޮށްގެން އަޅުގަނޑުމެން ޑިޓެންޝަނަކަށް ލާތަނަކަށް ބަލާކަމަށްވާނަމަ މިހާރު އަޅުގަނޑުމެންގެ ކެޕޭސިޓީހުރީ ވަރަށް މަދު ޢަދަދެއް. އެއީ ސާޅީހަކަށް މީހުންގެ ޖާގަ. ސާޅީހަކީ ފުލުހުން ކޮންމެ ދުވަހަކު އަޅުގަނޑުމެންނާއި ހަވާލުކުރާ ޢަދަދުން ފުރޭވަރުގެ ޖާގައެއް. އެހެންވީމަ އިތުރު އެއްވެސް މޮނިޓަރިން ނުވަތަ އޮޕަރޭޝަނެއް ހިންގާނެ ކެޕޭސިޓީއެއް މިޖާގައިގަ އަޅުގަނޑުމެންނަކަށް ނެތޭ." މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވިއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ފަސްދޮޅަސް ތިންހާހެއްހައި ބިދޭސީން އުޅޭމުން އަންނަކަމަށް އިމިގްރޭޝަނުން ވަނީ ހާމަކުރައްވާފައެވެ. ފަހަކަށް އައިސް ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ އިތުރުވެ ބިދޭސީންގެ ހަމަނުޖެހުންތައްވެސް ވަނީ އިތުރުވެފައެވެ. ސަރުކާރުން އަންނަނީ ބިދޭސީންގެ މައްސލަަ ޙައްލުކޮށް ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވުމަށް ޚާއްޞަ ޕްރޮގްރާމެއްވެސް ހިންގަމުންނެވެ.