ޚަބަރު

ރާއްޖެ ޗައިނާ އާއި ވާދަކުރަންޖެހޭ މެޗުގެ ކުރިން ރާއްޖޭގެ ގައުމީޓީމު ކަރަންޓީނުވާންޖެހޭނެފަދަ އިޝާރާތެއް


ވޯލްޑްކަޕާއި އޭޝިއަންކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި ރާއްޖެ ޗައިނާއާ ދެކޮޅަށް ވާދަކުރަންޖެހޭ އަވޭ މެޗުގެ ކުރިން ރާއްޖޭގެ ގައުމީޓީމު ކަރަންޓީނުވާންޖެހޭނެފަދަ އިޝާރާތެއް ޗައިނާއިން ދީފިއެވެ.

އެގޮތުން ޗައިނާގެ ފުޓުބޯޅަ އެސޯސިއޭޝަންއިން މިހާރު އަންނަނީ، ވޯލްޑްކަޕް އަދި އޭޝިއަންކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތައް ކުރިއަށްގެންދާނެ ގޮތުގެ ގައިޑްލައިނެއް އެކުލަވާލަމުންނެވެ. މިގޮތަށް އެގައުމުގެ އެފްއޭއިން މަސައްކަތް ކުރުމުގެ މައިގަނޑު އެއް ސަބަބަކީ، މިއަހަރުގެ ފަހުކޮޅު ބާއްވަން ހަމަޖެހިފައިވާ ވޯލްޑްކަޕާއި އޭޝިއަންކަޕް ޖޮއިންޓް ކޮލިފައިންގެ ބާކީހުރި މެޗުތަކުގެ ތެރެއިން ޗައިނާ ވާދަކުރަންޖެހޭ ހަތަރުމެޗު އޮތްއިރު އޭގެތެރެއިން ތިންމެޗު ޗައިނާގައި ކުޅެންޖެހުމުންނެވެ.

ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ސްޕޯޓްސްއިން މިދިޔަ ބުރާސްފަތިދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޯވިޑް-19ގެ ހާލަތުން އެއްކޮށް އަރައިގަނެވިފައި ނުވާތީ، މިއަހަރު އެގައުމުގައި ބާއްވަންހަމަޖެހިފައި އޮތް ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ނޯންނާނެކަމަށެވެ. ނަމަވެސް ރިޕޯޓްތަށް ބުނާގޮތުން ވޯލްޑްކަޕް އަދި އޭޝިއަންކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތަށް ބާއްވަން އެގައުމުގެ ސަރުކާރުންވަނީ ހުއްދަދީފައެވެ. އަދި ކޮލިފައިންގެ މެޗުތަކަށް އެގައުމަށްދާ ޓީމުތަށް ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ސަރުކާރުން ބޭނުންވެއެވެ.

މިގޮތަށް ހަމަޖެހިއްޖެނަމަ އޮކްޓޯބަރ 8ވަނަ ދުވަހު ރާއްޖެއާއި ޗައިނާ ވާދަކުރާ މެޗުގެކުރިން ރާއްޖޭގެ ގައުމީޓީމް ކަރަންޓީނުވާންޖެހޭނެއެވެ. އަދި ޗައިނާއިން ކޮލިފައިންގައި ކުޅޭ ހޯމް މެޗުތައް އޮންނާނީ ޝެންޔަންގައެވެ. ވޯލްޑްކަޕް އަދި އޭޝިއަންކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތަކައް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީޓީމުން މިހާރުވަނީ ފަރިތަކުރުންތައް ފަށާފައެވެ.