ޚަބަރު

ސަޢުދީ އަރަބިޔާއަށް ދިން މިސައިލާއި، ޑްރޯން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި


ސަޢުދީ އަރަބިޔާއަށް އިއްޔެ ދިން ބެލެސްޓިކް މިސައިލާއި ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސަޢުދީ އަރަބިޔާއަށް ދިން ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނުގައިވަނީ މެދުކެނޑުމެއްނެތި މިގޮތަށް ދޭ ހަމަލާތަކަކީ އެސަރަހައްދުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް ހުރިހާ ފަރާތްތަކުން މަޝްވަރާ ކުރުމުގެ މުހިންމުކަން ދިވެހިރާއްޖެއިން ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ސަޢުދީ އަރަބިއްޔާއާއެކު ވާކަމަށާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތުގައި ފަހަތަށް ނުޖެހި އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަޤީން އަރުއްވާ ކަމަށް ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައިވެއެވެ.