ޚަބަރު

ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރުން ފައިސާ ހޯދަނީ، ސަމާލުވޭ!


ޑޮލަރު ހޯދައިދޭނެ ކަމަށްބުނެ ބަޔަކު މަކަރާއި ހީލަތުން ގިނަ އަދަދަކަށް މީހުންގެ އަތުން ފައިސާ ނަގަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުން ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ހިޔާނާތްތެރިވުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. ފުލުހުން ބުނީ ޑޮލަރު ހޯދައިދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ނަގަމުންދާ މީހުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ހާއްސަކޮށް ވައިބާގެ ކޮމިއުނިޓީ ގުރޫޕްތައް މެދުވެރިކޮށް އެކަންކުރަމުންދާކަމަށެވެ. އެހެން ކަމުން މިފަދަ މީހުންނާމެދު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފުލުހުން ބުނީ މިފަދަ ކުށްކުށުގެ ޝިކާރައަކަށްވުމުން ރައްކާތެރިވުމަށް ޑޮލަރު މާރުކުރުމުގެ ހުއްދަ އޮންނަ ފަރާތްތައް މެދުވެރިކޮށް މުޢާމަލާތްތައް ހިންގުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ވަނީ ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ޑޮލަރު ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. ނަމަވެސް އާއްމު ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޑޮލަރު ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ވުރެ އިތުރަށް ބޭންކުތަކަށް ޑޮލަރު ދޫކުރަމުންދާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އެމްއެމްއޭއިން ހާމަކުރާގޮތުން މިދުވަސްކޮޅު ޑޮލަރުގެ ޑިމާންޑު ބޮޑުވެ، އަގު އުފުލެންވީ އެއްވެސް ސަބަބެއް ނެތެވެ. އެގޮތުން ޑޮލަރުގެ ބޭނުން އެންމެ ބޯޑަށް ޖެހެނީ އިމްޕޯޓު ކުރާ ފަރާތްތަކަށް ކަމަށްވާއިރު، ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް މުދާ އިމްޕޯޓުކުރާ މިންވަރުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.