ވިޔަފާރި

އީޔޫއަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލުމަށް ޕްރޮޕޯސަލެއް ހުށަހަޅަނީ


ރާއްޖެއިން އީޔޫއަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލުމަށް އެދި މިމަހުގެ 15 ޕްރޮޕޯސަލްއެއް ހުށަހަޅާނެކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ބޮޑު ކަންނެލީގެ މަސްވެރިކަމާބެހޭ ޔޫނިއަންއިން ހުށަހަޅާފައިވާ ޕެޓިޝަނަށް ޖަވާބު ދާރީވުމަށް ހާރިރުވެ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވީ ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރާއިރު މިހާރު ރޯޔަލްޓީ ނުނަގާ ކަމަށެވެ. ނަމަވެސް މަސް އެކްސްޕޯޓް ކުރާއިރު އެކި ކުންފުނިތަކަށް ދައްކަންޖެހޭ އެކި ފީތައް ހުންނަކަމަށެވެ. މިގޮތުން އެއަރޕޯޓު ފީތަކާއި އެހެނިހެން ފީތައް ދައްކަންޖެހެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާ ވިދަޅުވީ ޔޫރަޕަށް މަސް އެކްސްޕޯޓް ކުރާއިރު އީޔޫއަށް 28 އިންސައްތައިގެ ޑިއުޓީއެއް ދައްކަންޖެހޭކަމަށެވެ. މި ޑިއުޓީ 2023 ވަނަ އަހަރު ކަނޑާލުމަށް އީޔޫގެ ޖެނަރަލައިޒް ސިސްޓަމް އޮފް ޕްރިފަރަންސަސް، ޖީއެސްޕީއަށް ޕްރޮޕޯސަލެއް ސަރުކާރުން މިމަހުގެ 15 ވަނަ ދުވަހު ހުށަހަޅާނެކަމަށެވެ. އަދި އީޔޫއިން ޓެކްސް ކަނޑާލުމާބެހޭ މަޝްވަރާތަކަށް ސަރުކާރުން ހުށަހަޅާ ޕްރޮޕޯސަލަށް މިދާއިރާގައި އުޅޭ އަމިއްލަ ކުންފުނިތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެދިފައިވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިކޮމިޓީގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ ބޮޑުކަންނެލީގެ މަހުގެ ބާވަތްތަކަށް ހަމައަގު ހޯދުމުގެ މަސައްކަތުގައި ޤާނޫނުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ ފްލޯ ޕްރައިޒެއް އެކުލަވާލުމަށް ކުރާ މަސައްކަތް ކަމަށެވެ. އަދި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ޔޫނިއަންއާއެކު މިކަމުގައި މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ މަހުގެ އެކްސްޕޯޓަށް ހަމަ އަގު ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން ކުރާ އެންމެ މުހިންމު އެއްކަމަކީ ހުރިހާ ފަރާތަކަށް ގެއްލުން ނުވާނެހެން ފްލޯ ޕްރައިޒެއް އެކުލަވާލުން ކަމަށެވެ. މިގޮތުން މަސް ފެކްޓްރީތަކާއި މަސް ގަންނަ ކުންފުނިތައް އަދި މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރެވެމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

މިކޮމީޓީގައި ވާހަކަފުޅުދައްކަވަމުން ޒިޔާދު ވިދާޅުވީ ރާއްޖޭގައި ތަރައްޤީކުރާ ގޭދޮށު މަސްފެކްޓްރީތަކުގެ އުފެއްދުންތެރިކަމާ ހިންގުން ހަރުދަނާ ކުރުމަށްވެސް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މަސް ދޯނިތަކުގައި ބިދޭސީން މަސައްކަތްކުރުމާބެހޭ މައްސަލަ އިކޮނޮމިކް މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުންދާކަމަށް ބުނެފައެވެ.

މިނިސްޓްރީއިން ބުނީ މަސް ދޯނިތައް ބެލެހެއްޓުމާއި، ކައްކާއިންނާއި، ސާފުކުރާ މީހުންގެ ގޮތުގައި ވަކި ކޯޓާއެއް ދީ ބިދޭސީން ގެންގުޅެވޭނެ ގޮތަށް ޤާނޫނީ އޮނިގަނޑު ބަދަލުކުރަމުންދާ ތެރެއިން ހެދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިއީ ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެއްކަމަށެވެ.

އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމަކުގެ ލިސްޓުން، ތަރައްޤީވަމުން އަންނަ ޤައުމަކުގެ ލިސްޓަށް ރާއްޖެ އަރާފައިވާތީ، ރާއްޖެއިން ޔޫރަޕުގެ ޤައުމުތަކަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކަށް ލިބެމުންއައި ޑިއުޓީގެ ޢިނާޔަތްވަނީ، 2013 ވަނަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން ކަނޑާލާފައެވެ. އޭގެސަބަބުން ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓުކުރުމުން ލިބެމުންދިޔަ މަންފާ ވަރަށްބޮޑަށް ދަށްވެފައިވެއެވެ.

މިޢިނާތް އަލުން ހޯދުމަށް 2014 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމަށްޓަކައި ރާއްޖެއިން ކުރަންޖެހޭކަމަށް އީޔޫއިން ޝަރުތުކުރާ ގިނަ ކަންތައްތަކެއް ރާއްޖެއިން މިހާރު ފުރިހަމަކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަލީލް ވަނީ ވިދާޅުވެފައެވެ.

އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އިރު، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ ދައްކަން ނުޖެހެނީ އީޔޫގެ "ޖެނެރެލައިސްޑް ސިސްޓަމް އޮފް ޕްރިފެރެންސް" (ޖީއެސްޕީ)ގެ ދަށުންނެވެ.

ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ގާތްގަނޑަކަށް ސާޅީސް އިންސައްތަ އެކްސްޕޯޓުކުރަނީ ޔޫރަޕަށެވެ. ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓު ކުރުމަށް މިހާރު ސައުވީސް އިންސައްތައިގެ ޑިއުޓީއެއް ދައްކަންޖެހެއެވެ.