ޚަބަރު

އެޗްޑީސީއަށް ލިޔެކިޔުމާއި ކުރެހުން ހުށައަޅަން ޕޯޓަލެއް


ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ކުރެހުންތަށް އޮންލައިންކޮށް ހުށަހެޅޭނެ ޕޯޓަލްއެއް އެޗްޑީސީން ތަޢާރަފްކޮށްފިއެވެ. މި ޕޯޓަލްއަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ތަޢާރަފްކުރި ޕޯޓަލެކެވެ.

"ފަރުމާ ޕޯޓަލް"ގެ ސަބަބުން، އެޗްޑީސީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. އެޗްޑީސީން ވިދާޅުވެފައިވަނީ ކުރެހުން ފާސްކުރުމުގެ މަރުޙަލާ މިހާރު މުޅިން އޮންލައިން ކުރެވިގެންދިޔައީކަމަށެވެ. އަދި ހުށަހަޅާފައިވާ ކުރެހުންތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބެލުމާއި، މަސައްކަތް ކުރިއަށްދާ މިންވަރު އަންގައިދިނުމުގޮތުން، ކުރެހުން ހުށަހަޅާފައިވާ ފަރާތްތަކަށް މެސެޖެއް މެދުވެރިކޮށް ނޮޓިފިކޭޝަންވެސް ލިބޭނެކަމަށެވެ.

މިފަދަ އޮންލައިން ޕޯޓަލެއް ތަޢާރަފްކުރުމުގެ މަޤްސަދުތަކުގެތެރޭގައި ތިމާވެއްޓާއި ރައްޓެހިގޮތްތަކަށް މަސައްކަތަށް ބައްޓަންކުރުން ހިމެނޭކަމަށް އެޗްޑީސީން ވިދާޅުވެއެވެ. ހުޅުމާލޭގައި ހިންގާ އެކިއެކި މަޝްރޫޢުތަކާއި ޢިމާރާތްތަކުގެ ކުރެހުންތައް ފާސް ކުރުމަށްޓަކައި، އެޗްޑީސީއަށް އަހަރަކު 43،000އަށްވުރެ ގިނަ ކަރުދާސް ހުށައަޅާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މި ޕޯޓަލާއެކު އެޗްޑީސީން ކަރުދާސް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް މަދުކުރެވޭނެކަމަށްވަނީ ވިދާޅުވެފައެވެ.

މި ޕޯޓަލް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ. ޕޯޓަލް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދާއި، ސަރުކާރުގެ އިސްވެރިންނާއި، އެޗްޑީސީގެ މުވައްޒަފުން ބައިވެރިވެއެވެ.