ވިޔަފާރި

30 މިލިއަން ރުފިޔާގެ އިސްލާމިކް ފިނޭންސް ސްކީމެއް ތައާރަފްކޮށްފި


ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވާ، އެހީތެރިވުމަށް އިސްލާމިކް ފައިނޭންސްގެ ދަށުން "ފަސޭހަ މަދަދު"ގެ ނަމުގައި ސްކީމެއް  ތައާރަފްކޮށްފިއެވެ.ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތުގައި ސްކީމް އިފްތިތާހްކޮށްދެއްވި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބް އަބްދުލް ޣަފޫރުއެވެ.އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސް އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ތައާރަފްކުރި މި ސްކީމަކީ 30 މިލިއަން ރުފިޔާގެ ސްކީމެކެވެ. ފައިސާ ދޫކުރުމަށް ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި  ފަތުރުވެރިކަމުގެ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާއާއި، މަަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރއާއި، އިމާރާތްކުރުމުގެ ދާއިރާ ހިމެެނެއެވެ.މިސްކީމް އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނާއިބުރައީސް އަޙްމަދު އަދީބު ވިދާޅުވީ،ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާ ހޯދުންކަމަށާއި، މި ތައާރަފްކުރެވިގެންދިޔަ ފަސޭހަ މަދަދު ސްކީމަކީ އެކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނ ޕްރޮގްރާމެއްކަމަށެވެ. އިކޮނިމިކް މިނިސްޓްރީން އިސްނަގައިގެން މިކުރާ މަސައްކަތުތަކުގައި ކުދި ފަންތިއާއި މެދު ފަންތީގެ ގިނަ ވިޔަފާރިތައް ބައިވެރިވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، މި ސްކީމަކީ އަތަށް ފައިސާދޭނެ ސްކީމެއް ނޫން ކަމަށާ، އޭގެބަދަލުގައި ދެވޭ ޚިދުމަތަކީ، ވިޔަފާރިއަށް ބޭނުންވާ ވަސީލަތްތައް ބޭންކު މެދުވެރިކޮށް އެފަރާތްތަކަށް ފޯރުކޮށްދިނުންކަމަށެވެ. މިނިސްޓަރު ސައީދު ވިދާޅުވީ މި އަހަރުގެ ޑިސެމްބަރު މަހު ބާއްވާ މަސައްކަތްތެރިކަމުގެ މައުރަޒުގައި އެ އުފެއްދުންތެރިންގެ މަސައްކަތް ފެނިގެންދާނެ ކަމަށެވެ.މިސްކީމަށް އެދުމުގެ ފުރުސަތު އޮކްޓޯބަރ 18ގެ ނިޔަލަށްވަނީ ހުލުވާލާފައެެވެ.