ވިޔަފާރި

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނީ އިޓަލީވިލާތުން


މިއަހަރާއި އަންނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނީ އިޓަލީވިލާތުންކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ކުރިއަށްގެންދިޔަ މިދިރާސާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ލިވަބޯޑުތަކާއި، ހޮޓާތައް ބައިވެރިވިއެވެ. ދިރާސާގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވަނީ މިއަހަރު އަދި އަންނަ އަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނީ އިޓަލީވިލާތުން ކަމަށެވެ.

2019 ވަނަ އަހަރު އިޓަލީވިލާތުން ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 27 އިންސައްތަ ފަތުރުވެރިންނެވެ. އަދި މިއަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ 25 އިންސައްތަ އަދި އަންނަ އަހަރު 32 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކުރާނީ އިޓަލީވިލާތުންކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރުވެސް މިއަހަރުގެ ޖަނަވަރީމަހުން ފެށިގެން އެޕްރީލްމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިޓަލީ ވިލާތުންނެވެ. އެއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 11.7 އިންސައްތައެވެ.

ދަތުރުކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބުމުން އިޓަލީ ފަތުރުވެރިން ވީހާވެސް އަވަހަކަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރަން ޝައުގުވެރިވާކަމަށް އިޓަލީގެ ޓްރެވަލް އެޖެންޓުންވެސް މީގެކުރިން ވަނީ ބުނެފައެވެ. މިހެން ބުނެފައިވަނީ އީޒީ މާކެޓް ޓްރެވަލް ސޮލިއުޝަންގެ ފަރާތުން "ވެބިނާ ރިވޮލިއުޝަން މޯލްޑިވް" ގެ ނަމުގައި އެމީހުންގެ އެޖެންޓުންނަށް އަމާޒުކޮށްގެން ބޭއްވި ވެބިނާ ސެޝަނެއްގެ ތެރެއިންނެވެ. ގާތްގަނޑަކަށް 100 އެއްހާ ޓްރެވަލް އެޖެންޓުން މި ސެޝަންގައި ވަނީ ބައިވެރިވެފައެވެ.

އިޓަލީ ފިޔަވައި މިއަހަރާއި އަންނަ އަހަރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނާނެ ޤައުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރަޝިޔާއެވެ. އަދި 3 ވަނަ އަށް ޖަރުމަންވިލާތެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުގައިވާ ގޮތުން 2019 ގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ދެވަނައަށް އިންޑިޔާ އަދި ތިންވަނައަށް އިޓަލީންނެވެ.