ވިޔަފާރި

ބޭންކު ރިޒާވް ދިހަ އިންސައްތައަށް ދަށްކޮށްފި


ބޭންކުތަކުން މިނިމަމް
ނުވަތަ އެންމެ ދަށް ރިޒާވްގެ ގޮތުގައި މަރުކަޒީ ބޭންކު އެމްއެމްއޭގައި
ބަހައްޓަންޖެހޭ މިންވަރު ދިހަ އިންސައްތައަށް ދަށްކޮށްފިއެވެ. އެމްއެމްއޭގައި ރިޒާވްގެ
ގޮތުގައި ބަހައްޓަންޖެހޭ ރިޒާވް ވިހި އިންސައްތައިން ދިހަ އިންސައްތައަށް ދަށްކުރެއްވިކަން
އިޢުލާންކުރެއްވީ ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ނާއިބު ރައީސް
އަޙްމަދު އަދީބުއެވެ. 

ނާއިބު ރައީސް ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ކުރަންޖެހޭ
އެންމެ މުހިއްމު ކަމަކީ ބޭންކުތަކުގެ ރިޒާވް ދަށްކުރުން ކަމަށާއި، ރައީސް ޔާމީންގެ
އެދިލެއްވުމުގެ މަތިން އެންމެ ފުރަތަމަވެސް ފަންސަވީސް އިންސައްތައިން ވިހި
އިންސައްތައަށް މިނިމަމް ރިޒާވް ދައްކުރެއްވިކަމަށެވެ. އަދި މިއަދު ދިހަ
އިންސައްތައަށް ދަށްކުރެވިފައިވާކަމަށާއި، އެކަމުގެ ސަބަބުން ބޭންކުތަކުން ދޫކުރާ
ލޯނުގެ އަދަދު އިތުރުވެގެން ގޮސްވައިވާކަމަށް ނާއިބު ރައީސް އަދީބު ވިދާޅުވިއެވެ. އަދި
ރާއްޖޭގައި އިސްލާމިކް ފައިނޭންސް ސެންޓަރެއް އުފެއްދުމަކީ ރައީސްޔާމީންގެ
އުއްމީދެއްކަމަށާއި، އެކަނިވެސްް ކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



"އިސްލާމިކް ފައިނޭސްއަކީ ވަރަށް ބޮޑަށް ބާރަށް
ފެތުރޭ އަދި ވަރަށް ބޮޑަށް ބަލައިގެންފައިވާ ފައިނޭސިން މެކޭނިޒަމްއެއް،
އިސްލާމިކް ފައިނޭސްއަކީ ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް ވަރަށް ބޮޑު
މުސްތަގުބަލެއް އޮތް އެއްޗެއް،" ނާއިބު ރައީސް ވިދާޅުވިއެވެ. 


ނާއިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ އިގްތިސާދަކީ ޓެކްސްޓް ފޮތުގައި
އޮންނަ ގޮތަށް ފްރީ މާކެޓަށް ދޫކޮށްލެވޭ ގޮތަށް އޮންނަ އިގްތިސާދެއް ނޫންކަމަށާއި،
މިއިގްތިސާދަކީ ވަރަށް ކުޑަ އިގްތިސާދެއްކަމަށް ވިދާޅުވިއެވެ.އެހެންކަމުން މިވަގުތު
ދިވެހިރާއްޖެ އަށް އެންމެ ފުރިހަމަ އިގްތިސާދީ ސިޔާސަތެއް ތައާރަފުކުރުން
މުހިއްމުކަން ނާއިބުރައީސް ފާހަގަކުރެއްވިއެވެ.