ޚަބަރު

"ގްލޯބަލް ޔޫތު ޕީސް ސަމިޓް"ގެ ބެސްޓް ސްޕީކާސް އެވޯޑް ރާއްޖޭގެ 5 ދަރިވަރަކަށް


ގްލޯބަލް ޕީސް އިންސްޓިޓިއުޓުން ކުރިއަށްގެންދިޔަ "ގްލޯބަލް ޔޫތު ޕީސް ސަމިޓް"ގެ ބެސްޓް ސްޕީކާސް އެވޯޑް ރާއްޖޭގެ 5 ދަރިވަރަކަށް ލިބެއްޖެއެވެ.

މިމަހުގެ 10 އިން 11 އަށް އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ސަމިޓްގައި އެކި ޤައުމުތަކުން ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ޚިޔާލު ހުށައެޅި އުމުރުން 13 އަހަރާއި 15 އަހަރުގެ ކުދިންގެ ތެރެއިން 9 ކުއްޖަކަށް ވަނީ ބެސްޓް ސްޕީކާސް އެވޯޑްދީފައެވެ.

މި ސަމިޓްގައި ރާއްޖެއިން ބައިވެރިވި ދަރިވަރުންގެ ތެރެއިން ބެސްޓް ސްޕީކާސް އެވޯޑް ލިބިފައިވަނީ :
- އިބާ އަޙްމަދު ޢަލީ(14އ.)
- އަލާޢު އިސްމާޢީލް(15އ.)
- އަޙްމަދު އިސްމާޢީލް އާސިމް(15އ.)
- އައިޝަތު ހަނާން މުޙައްމަދު އާސިފް(13އ.)
- އައިޝާ ނަސްރުﷲ(14އ.)

މި އުމުރު ފުރާއިން ރާއްޖޭގެ އިތުރުން ދެން އެވޯޑް ޙާސިލުކޮށްފައިވަނީ ޖޯޖިއާގެ ދަރިވަރަކާއި، ފިލިޕީންސްގެ ދަރިވަރަކާއި، ޔޫ.އޭ.އީގެ ދަރިވަރެއްގެ އިތުރުން ސްރީލަންކާގެ ދަރިވަރެކެވެ.

"ގްލޯބަލް ޔޫތު ޕީސް ސަމިޓް" އަކީ މުޖުތަމަޢުގައި ދިމާވާ އެކި މައްސަލަތަކައް ހައްލު ހޯދާ އެކަންކަމާ ގުޅޭގޮތުން ޒުވާނުން ވާހަކަދައްކާ ޚިޔާލު ހުށައެޅުމަށްޓަކައި ކުރިއަށް ގެންދާ ސަމިޓެކެވެ. އަދި މި ސަމިޓުގެ ޒަރިއްޔާއިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޒުވާނުންގެ ޚިޔާލާއި ވިސްނުން ހުރިގޮތުގެ މައްޗަށް ވާހަކަދައްކާ، ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އެގޮތުން މިފަހަރުގެ ސަމިޓްގައިވެސް މުޖުތަމަޢުގައި ދިމާވާ އެކި ކަހަލަ ކަންތައްތަކާބެހޭގޮތުން ވަނީ ވާހަކަދައްކާފައެވެ. ވަކިން ޚާއްސަކޮށް މިފަހަރުގެ ސަމިޓްގައި ކޯވިޑް-19 އާ ގުޅެގޮތުން ސަމިޓްގެ ބައިވެރިން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކާފައެވެ.