ވިޔަފާރި

ހޯރަފުށީގައި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށަނީ


ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އިންޑިއާ ސަރުކާރުގެ މާލީ އެހީތެރިކަމާއި އެކު ހޯރަފުށީ ކައުންސިލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ފެނަކަ ކޯރޕަރޭޝަނާއެވެ. މިއަދު މި މަޝްރޫޢުގައި ހިމެނޭ ފަރާތްތަކުން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

ފެނަކަ ކޯރޕަރޭޝަނުން މައުލޫމާތުދޭ ގޮތުގައި ބޮޓްލިން ޕްލާންޓުގެ އަމަލީ މަސައްކަތްތައް ފަށައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަމާޒަކީ އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ކުރީކޮޅު ފެން ޕްލާންޓުގެ މަސައްކަތް ނިންމާލުންކަމަށްވެސް ފެނަކައިން ހާމަކުރެއެވެ.

ހޯރަފުށީގައި ޤާއިމުކުރާ ބޮޓްލިންގް ޕްލާންޓުން ދުވާލެއްގެ މައްޗަށް 10 ހާހާއި 12 ހާހާއި ދެމެދުގެ ޢަދަދަކަށް ބިއްލޫރި ފުޅީގައި ފެން ބަންދުކުރެވޭނެކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ. އަދި އެރަށުގެ ކޮންމެ ގޭބިސީއަކަށް ފެން ފޯރުކޮށްދިނުމުގެ ގޮތުން ޑިސްޕެންސަރ ހަވާލުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ހޯރަފުށީގައި ބޮޓްލިންގް ޕްލާންޓެއް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް، އެޗް.އައި.ސީ.ޑީ.ޕީ ސްކީމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ޕްލާންޓު ޤާއިމުކުރުމަށް އެރަށުގެ ވޯޓަރ ސަޕްލައި ޕްލާންޓް ހުރި ދިމާލުން ކައުންސިލުން ވަނީ ބިން ހަމަޖައްސައިދީފައެވެ. މި މަޝްރޫއާއެކު އިހަވަންދިއްޕޮޅުގެ ރަށްތަކަށާއި ރިސޯޓުތަކަށް ފެން ފޯރުކޮށްދިނުމަށް ފަސޭހަވެ، އެކަމުގެ ސަބަބުން ރަށަށް ލިބޭ ޢާމްދަނީ އިތުރުވެ، ކުރިއެރުންތަކެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.