ވިޔަފާރި

މިނީސޯގެ ރާއްޖޭގެ އައުޓްލެޓް ހުޅުވައިފި


އާއްމުންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ މިނީސޯގެ ރާއްޖޭގެ އައުޓްލެޓް ހުޅުވައިފިއެވެ.

ހެޔޮ އަގެއްގައި ތަކެތި ވިއްކުމުގައި އާއްމުންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ 'މިނީސޯ'ގެ ފިހާރައެއް ރާއްޖޭގައި ހުޅުވީ ސޮނީ ސްޕޯޓްސްއިންނެވެ.

މި ފިހާރަ ހުޅުވާފައިވަނީ މިއަދު މެންދުުރުފަހު 2:00 ޖެހިއިރުއެވެ. ރާއްޖޭގައި މިނީސޯގެ ފިހާރައެއް ހުޅުވުމަށް އެކަމާގުޅޭ އެއްބަސްވުމުގައި މިނީސޯއާއެކު ސޮނީ ސްޕޯޓްސްއިން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެތެރޭގައެވެ.

މާލޭގައި ހުޅުވާފައިވާ މިނިސޯގެ ފިހާރައާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ސޮނީ ސްޕޯޓްސްގެ ޖެނެރަލް މެނޭޖަރ މައުމޫން އަބްދުﷲ ވިދާޅުވީ މި ފިހާރައިން މިނިސޯގެ އެހެން ފިހާރަތަކުންވެސް ލިބެން ހުންނަ ތަކެތި ލިބެން ހުންނާނެކަމަށެވެ.

މިނީސޯ ފިހާރަ ހުންނާނީ ކަލާފާނު ސްކޫލްގެ މައި ގޭޓު ކުރިމަތީގައެވެ. ސޮނީ ސްޕޯޓްސްއިން ދަނީ މިނީސޯ ފިހާރައިން ލިބެން ހުންނަ ތަކެތި އޮންލައިންކޮށްވެސް ވިއްކަމުންނެވެ.

މިނީސޯއިން މިހާރުވެސް ދަނީ ދުނިޔޭގެ 90 އަށް ވުރެ ގިނަ ޤައުމެއްގައި ފިހާރަތައް ހިންގަމުންނެވެ. ޗައިނާގެ ކުންފުންޏެއް ކަމަށްވާ މިނީސޯއިން ދަނީ އެ އެކުންފުނީގެ ވިޔަފާރި ދުނިޔޭގެ އެކި ހިސާބުތަކަށް އިތުރަށް ފުޅާ ކުރުމަށްޓަކައި މަސައްކަތްކުރަމުންނެވެ.

2011 ވަނަ އަހަރު ހުޅުވި ފުރަތަމަ މިނީސޯގެ ފިހާރައާއެކު ކުރު މުއްދަތެއްގެ ތެރޭގައި އެކުންފުނިން ވަނީ އާއްމުންގެ މެދުގައި ބޮޑޫ މަޤްބޫލްކަމެއް ހޯދާފައެވެ. އޭގެތެރޭގައި ހިފާ ގެންގުޅޭ ސާމާނާއި، ފޮތް ފަންސޫރު ފަދަ ތަކެއްޗާއި، ކުޑަކުދިން ކުޅޭ ސާމާނާއި، ރީތިވުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ބަދިގޭ ސާމާނު މިނީސޯގެ ފިހާރަތަކުން ހެޔޮ އަގެއްގައި ލިބެން ހުރެއެވެ.

2016 ވަނަ އަހަރު ނިމުނު އިރު، މިނީސޯގެ އާމްދަނީ ވަނީ 1.5 ބިލިއަން ޑޮލަރަށް އަރައެވެ. 2015 ވަނަ އަހަރު އެކުންފުންޏަށް ލިބިފައިވަނީ 769.9 މިލިއަން ޑޮލަރެވެ.